ސަހުޔޫނީން ފަލަސްތީނުގެ ޣައްޒާ އަށް އޮތީ ވެރިވެގެންފައި ކަމަށާއި އިސްލާމީ ބޮޑު އުންމަތުން ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވާ ކަމުގައި އަޟްހާ އީދުގެ ހުތުބާގައި މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި އީދު ހުތުބާގައި ވިދާޅުވީ އިސްލާމްދީނަކީ އިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަރަށް ނިކަމެތިވެފައިވާ ކަމަށެވެ. މިކަން އެންމެ ބޮޑަށް ފެންނަނީ ފަލަސްތީނުން ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

"މި ކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްތީނުގެ ރަފަހާއި، ޣައްޒާ އާއި އެހެނިހެން ބިންތަކަށް ސަހުޔޫނީން ވެރިވެގަނެފައިވީ ހިނދު ވެސް، އަހަރުމެންގެ މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުމެވެ. މި އުންމަތުގެ މީސްތަކުންގެ އަދަދާއި ގުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެއެވެ." އީދު ހުތުބާގައި ވިދާޅުވިއެވެ.

އެހެންވެ، އީދު ހުތުބާގައި ވަނީ މި މަތިވެރި ދުވަހުގައި އުންމަތް ބިނާ ކުރުމަށް އަޒުމު ކަނޑައެޅުމާއި އިލްމާއި ތައުލީމް ކުރިއެރުވުމުގައި ކުރިއަރައި ދިއުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ. އަދި ފަންނިއްޔަތާއި ފަންނުވެރިކަމުގައި ހުނަރުވެރިވުމަށް ވެސް ހުތުބާގައި ގޮވާލިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

"މާތް ﷲ އާއި ރަސޫލާގެ އަދުއްވުން، އިސްލާމް ދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު ކުރިމަތިލަމާ ހިނގާށެވެ. ފަހު މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަ ގުނަ ފަންނުވެރިކަމާއި ހެވެއް ފޯރުކޮށްދިން ޝަރަފްވެރި އުންމަތެކެވެ،" ހުތުބާގައި ވިދާޅުވިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ކަމަށް ބުނެ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ގޮތުގައި އަށް މަހަށް ވުރެ ގިނަ ދުވަސްވީ ގަތުލުއާންމުގެ މިހާތަނަށް އައިއިރު، ޣައްޒާ އިން 37،296 މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި 85،197 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލް ސިފައިންނަށް ލިބޭ ގެއްލުން ވެސް ބޮޑެވެ. އެގޮތުން މިހާތަނަށް އައިއިރު، ޣައްޒާ އިން 308 ސިފައިންގެ މީހުން ވަނީ މަރާލައިފައެވެ. އޮކްޓޯބަރު 7 ގައި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސް އިން އަރާ 300 އަށް ވުރެ ގިނަ ސިފައިން ވެސް މަރާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންބަލީ

    މުސްލިމުންތިބީ އުހުދު ހަގުރާމަ ގޮތަށް މިކަންވެސްދާނެކަމަށްބަލައިގެން! މިއަކީ ރަސޫލުޒަމާނެއްނޫން ކަން އެގެން އެބަޖެހޭ! މުސްލިމު ގައުމުތައް މުއްސަންޖަކަސް ކުރިއަށް އެރަން މަސައްކަތެއްނުކުރޭ، ޔަހޫދީންގެ ދަށުވެގެން ތިބެން ޖެހެނީ އެއްބައިވަންތަކަމެއް ނެތީމަ!