ގދ.ތިނަދޫގަައި އަޟުހާ އީދާއި ގުޅިގެން ރޭ ހުޅުވިގެންދިޔަ ﷲގެ އިސްމުފުޅާއި ކީރިތި ރަސޫލާގެ ނަންފުޅުގެ ދެ މޮނިއުމެންޓާއެކީ ރަށަށް އިތުރު ޒީނަތްތެރިކަން ލިބި މަލަމަތި އިތުރަށް ފުރިހަމަވެއްޖެއެވެ.

މި ދެ މޮނިއުމެންޓު ޤާއިމުކޮށްފައިވަނީ ރަށުގެ ރަސްމީ ފާލަމާ ދިމާލަށް ޖެޓީ ކުރިމައްޗަށެވެ. މިއީ ތިނަދޫ ސިޓީގެ މޭޔަރު ސައިދު އަލީގެ ސީދާ ވިސްނުންފުޅާ އެއްގޮތަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްދެން ޤާއިމުކުރެވެން ދެ ބިނާއެވެ. ރަސްމީ ފާލަމުން ރަށަށް ފައިބާ މެހެމާނުންނަށް ފެންނާނެހެން ކަނާތް ފަރާތުގައި ﷲގެ އިސްމު ފުޅުގެ މޮނިއުމެންޓެއް ހުރިއިރު ވައަތްފަރާތުގައި ކީރިތި ރަސޫލާ މުހައްމަދު ސައްލަﷲއަލައިހި ވަސައްލަމުގެ ނަންފުޅުގެ މޮނިއުމަންޓެއް ވަނީ ބަހައްޓާފައެވެ.

ދެ ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ މޭޔަރު ސައުދު އަލީ ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން ބަދަހިކޮށް ބޭއްވުމަށްޓަކައި ކުރިމަތީގައި އައްޑަނައެއް ގޮތަށް މި ދެމޮނިއުމަންޓް ސިފަވެގެންދާނެ ކަމަށެވެ.

"އިންސާނުން އަނދިރިކަމުން އަލިކަމުގެ ތެރެޔަށް އައުމަށްޓަކައި ކުރަމުން ދާ މަސައްކަތާއި، އިލްމީ ގޮތުން ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި މަގު ދައްކައިދިނުމަށް އެންމެ ބޭނުންވާ އެއް ކަމަކީ އަލި. އަޅުގަނޑުމެންނަށް މި ބިނާއިން އެ މަންޒަރު ސިފަވެގެންދާނެ." ސައުދު ވިދާޅުވިއެވެ.

އަދި އެ ދެ ބިނާއަކީ 2014 ވަނަ އަހަރު ތިނަދޫގެ ރައްޔިތުން ހަވާލުކުރި ޒިންމާގެ ތެރެއިން 10 އަހަރު ކުރެވުނު މަސައްކަތުން ވުޖޫދަށް ގެނެވުން ބިނާތަކެއް ކަމަށާއި އެ ދުވަހަށް ވަރަށް ދިގު އިންތިޒާރެއް ކުރި ކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިފަދަ ބޮޑު ބިނާއެއް ތިނަދޫގައި ޤާއިމުވެގެން ދިޔުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދައްކުވައިދެވުނު ރީތި ނަމޫނާއެއް ކަމަށާއި އެ ކަމާ ފަޚުރުވެރިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

https://www.facebook.com/GDh.Thinadhoo.Council/videos/828895098709853

މިއީ ރާއްޖޭގެ ރަށެއްގައި މިފަދަ ބޮޑު އަދި ދީން ރަމްޒުކޮށްދޭ މޮނިއުމަންޓުތައް ބެހެއްޓި ފުރަތަމަ ރަށެވެ. ދެ ބިނާގައިވެސް ވަނީ ހުދު ލައިޓް އަޅުވާ ދިއްލާފައެވެ. އޭގެ ސަބަބުން ރަށުގެ މަލަމަތިން މި ދެބިނާ ވަރަށް ރީތިކޮށް ސިފަވެގެންދެއެވެ.

ތިނަދޫގައި އަޟުހާ އީދު ފާހަގަކުރުމަށްޓަކައި ސަޤާފީ އެތައް ހަރަކާތަކާއި ކުޅިވަރުތައް މިއަދު ފެށިގެން ކުރިޔަށްދާއިރު މިފަހަރުގެ ބޮޑު އީދު މުޅިން ތަފާތު ވާނެ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެހެން އީދުތަކާއި ޚިލާފަށް މިފަހަރު ތިނަދޫ ކައުންސިލުން މިވަނީ އީދު ކުލަގަދަކޮށް ފާހަގަކުރަން ނިންމައި ތައްޔާރީތައް ފަށާފައެވެ. އެގޮތުން އީދުގެ ކުޅިވަރުތަކާއި އީދު އުފާ ފާޅުކުރުން ރަސްމީކޮށް ރޭ ފެށިގެން ދިޔައީ މި ދެ ބިނާ ހުޅުވުމުގެ ރަސްމިއްޔާތާއެކީގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަނގަޅު ކޮއްލަ

    ﷲގެ އިސްމުފުޅުގެ *

  2. ހުސޭނު

    ފަލަސްތީނުގެ މުސްލިމުން މަރާ ހަދަމުން ކޮން އީދެއް ފާހަގަ ކުރާކަށް

    4
    1
  3. ޖަޒީރާމަނިކު

    އިސްލާމީ ކުލައަކީ ފެހިކުލަ. ތިޔަ ބިނާގެ ކުލައިން ދޭހަވަނީ ސިޔާސީކުލަ ޖެހިފައިވާކަން.

    1
    5
  4. ޢަލީ

    ﷲ ސުބްޙާނަހޫ ވަތަޢާލާއާއި ކީރިތިރަސޫލާ ޞައްލަﷲ ޢަލައލިހިވަސައްލަމް! މިހެން ލިޔުއްވާ!

    6
    1