މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ އެ ސަރަަހައްދު ފެންސު ޖަހައި ބަންދުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ އެ ސަރަހައްދުގައި ފެންސު ޖަހާ ބަންދުކުރުމުގެ މަސައްކަތް ކައުންސިލްގެ މުވައްޒަފުން އިއްޔެ ކޮށްފައިވާ ކަމަށެވެ.

މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުންދާތީ ފެންސް ޖަހާ ބަންދުކޮށްފައި-- ފޮޓޯ: މާލެސިޓީ ކައުންސިލް

މާލެ އަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ރޯދަ މަހު މާލޭގެ އެކި މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެ، ކައުންސިލުން ވަނީ ކުނި ނެގުމުގެ މަސައްކަތްކޮށް ކުނި އަޅާ މީހުން ޖޫރިމަނާ ވެސް ކުރަން ފަށައިފައެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ވެމްކޯ އާއި ގުޅިގެން ކޮށްފައެވެ.

އިންޑަސްޓްރިއަލް ވިޖެލް ސާފުކުރީ މާލެ ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ކައުންސިލުން އޭރު ބުންޏެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު