ގޭގައި ކުއްޔަށް އުޅޭ މީހުން ބިލް ދެކުމުން ވެސް ގޭގެ ވެރިފަރާތުގެ އެންގުމަށް ފެން ކަނޑާ މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފިއެވެ.

އެޗްއާރުސީއެމްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކުއްޔަށް ގެތަކުގައި ދިރިއުޅޭ މީހުން ފެން ބިލް ދައްކަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެންގުމަށް ފެނުގެ ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ގަވައިދުން ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލައާއި ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތައް އެޗްއާރުސީއެމުން ތަހުގީގުކުރަމުން އަންނަ ކަމަށާއިި އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައިދެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށް އެޗްއާރްސީއެމުން ފާހަގަކުރެއްވިއެވެ. އަދި އާންމު ފަރުދުންގެ މެދުގައި އާއި އާންމު ފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެ ކޮމިޝަނުން އިލްތިމާސްކުރިއެވެ.

ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންނަށް ނޭދެވޭ އަސަރު ކުރުމަކީ އެޗްއާރުސީއެމުން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލިފުތާ

    މާލެ ބޭފުޅެެއް ދެއްތޯ؟

  2. ސިމީ

    އަހަރެން ކުލި ނުދައްކާ ތަނެއްގަ ހުއްނަން ހަދާލި މޮޅު ސްޓަންޓެއް

  3. ހަސަނު

    ބިލްދައްކަނީކީ ނޫން ބިލައް ދައްކަނީ ބިލުގެ ދެބައިކުޅަ އެއްބައި ޖެހިގެން އަންނަމަހު ހުންނާނީ ބިލްނުދައްކާ ތަންދޫކޮށްފަ ފިލާފަ މީވާގޮތަކީ،

  4. ސަންފަ

    ފެން ބިލް ދެއްކިޔަސް ގޭ ކުލި ނުދައްކާ ކަމަށްވާ ނަމަ ވެރިފަރާތުން ތިޔަފަދަ އަމަލެއް ހިންގަފާނެ.

  5. އިގުބާލު

    ތީ ގައުމުގެ ބޮޑަކަށް ކަމެއް ދިމާވީ. ކުލި ނުދައްކާ ފެން ބިލް ދައްކާލައިގެން އުޅެވުން ކިހާ ބޮޑު ނިއުމަތެއް. އެއްވެސް ބަޔަކަށް އެހެން މީހެއްގެ ހައްގަކަށް އަރައި ގަނެވިގެން ނުވާނެ. ކުލި ނުދެއްކުން ވެސް އެއީ ބެލެން ޖެހޭނެ މައްސަލަ އެއް. ބޮޑެތި ލޯނުތައް ނަގައިގެން ލޯނު ނެގި މީހާ ވިދެން ޖެހިގެން ނުވާނެ.

  6. ހިޔާލުކުރީމޭ

    ސިޔާސީ މީހަކަށް ވާނީ ތިޔަ ޖެމައްސަލ

  7. ނިކަމެތި ޓެކްސްދައްކާމީހާ

    މިހާރުވެސް ފެންކުންފުނިންއިންޒާރުފޮނުވާ އަދިކަނޑާވެސްލާތަޅުއަޅުވާ ގޭވެރިފަރާތުގެ ހުއްދައެއްނެތިގޯތިތަކައްވަދެ ލާރިނުދެއްކީމާ ހުކުމްކުރަނީ އަދަބުދެނީ ކުންފުނިތަކުން އަމިލަފަރުދެއް ވިޔަފާރިއެއްނަމަ 5 މަރުހަލާނިއްމަންޖެހޭ ނޫނީހިފާހައްޔަރު ކޮއްކުޑަގޮޅިއްލާނޭ ބަލިއެނދުގަ އޮތަސް މިއަދުތިގޭ ފެންކަނޑާނަމޭކިޔާ މެސެޖްކުރާނެ އޭރުމިއޮއްނަނީ އަސީޔޫގަ ގޭގަތިބެނީ ކުޑަކުދިންކިޔަވާ އެއްރޫމް ދެރޫމްތަންތަނުގަ ވަދެއަހާވެސްނުލާ ބޮގުޖަހަން އިންދާކަނޑާވައްޓާލަނީ

  8. ހަސަންކޮއި

    ކުލި ނުދައްކަންޏާ ނުކުންނަން އެންގުމުގެ ޙައްގު ޢިމާރާތުގެ ވެރިފަރާތަށް ލިބިގެންވޭ. ނުނުކުމެފިނަމަ ކަރަންޓްވެސް ފެންވެސް ކަޑާލުމުގެ ޙައްގު އޮންނާނެ. އެވަރުންވެސް ނުނުކުމެއްޖެނަމަ ގަދަކަމުން ބޭރުކުރުމުގެ ހައްގުވެސް އޮންނާނެ ނުވަތަ އެހެން ބަޔަކަށް އެތަން ކުއްޔަށްދީ އެބަޔަކު ވެއްދުމުގެ ހައްގުވެސް އޮންނާނެ. މިގޮތަށް ވައްދަންވާނީ ތަންކޮޅެއް 'ނުލަފާ' ބައެއް. އޭރުން އެއްކަލަ ކުލިނުދައްކާއުޅޭ މީހުންށް ކެއްނުކުރެވިގެން ހިގައިދާނެ. ކޮންމެ ގޮތެއްވިޔަސް ޑިޕޮސިޓް ދޫކުރާނީ ތަނަށް ލިބިފައިވާ ގެއްލުން ރަގަޅުކުރުމަށް ދިޔަ ޚަރަދާއި ނުދައްކާ ބިލެއް އޮތްނަމަ އެއަށްވެސް ކަޑާފަ. މީހުންގެ ގިނަ އެޕާޓްމަންޓްތަކަކީ ބޭންކަށް ލޯންދައްކަންޖެހޭ އެޕާޓްމަންޓްތައް. ކުލި ނުދެއްކީމާ ހިޔުމަން ރައިޓްސް ކޮމިޝަނުން އަޅާ ނުލަނީ ކީއްވެތޯ. އެއީވެސް ޙައްގެއްނޫންތޯ؟

  9. ވަގުންގެ ރާއްޖެ

    ގާނޫނު ގައި ހުސް ލޯވަޅު..
    ކުލި ނުދެއްކީމަ ނެރެވޭނެ ގޮތެއް ނޯވޭ
    ފެން ކަރަންޓް ކަށޑައެއް ނުލެވޭ
    މިކަމަށް ފުލުހުން އެޓެންޑެއް ނުވޭ
    ކޯޓަށް ހުށައަޅަން ޖެހެނީ
    މިިއޮތީ ވާ ރާއްޖެއެއް