އަޟްހާ އީދު ނަމާދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގ ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވީ މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އޮތް އީދު ނަމާދުގައެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ނަމާދު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ބައެއް އާންމުންނާއި ސަލާމް ވެސް ކުރައްވާފައެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

އަޟްހާ އީދުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި އިސްލާމީ އަހުލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފަގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނުގެ އިލްތިމާސްއަކީ ﷲ ދެއްވި ގިނަ ގުނަ ނިއުމަތްތަކުގެ މަތިން އަބަދުމެ، ހަނދާން އާ ކުރެއްވުން ކަމަށެވެ. އީދުގެ އުފާ ފާޅު ކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އެހެންކަމުން، ބޮޑު ޢީދުގެ މި ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ މުހިންމު އިލްތިމާސަކީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާން ކުރެއްވުމެވެ. އީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމެވެ. އިސްލާމީ އަހްލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކީރިތި ﷲ ގެ ޙަޟްރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ އަމަލުތަކުގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ ޢަމަލެއް ކުރުމެވެ.

މެހްމާންދާރީ އަދާކުރުން، ޞަދަޤާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުއާއެއް ކޮށްދިނުން، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި އަމަލުތަކަށް އަވަސްވެގަންނަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.