މިދިޔަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ލިބިފައިވާއިރު ޖުމްލަ ފައިދާގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެސްޓިއޯގެ 2023 ވަަނަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން 2022 ވަނަ އަހަރާއި އަޅާބަލާއިރު 2023 ވަނަ އަހަރު އެހާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެގޮތުން 2022 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 10 ޕަސެންޓުގެ ދައްވުމެކެވެ.

އެސްޓީއޯއިން ބުނާގޮތުން މިދިޔަ އަހަރު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު ދައްކުރުމެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް އެސްޓިއޯއިން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތައް ކުރިއަރާފައިވާތީ ޖުމްލަ ފައިދާ އިތުރުވެ ހިިންގުމުގެ ފައިދާ ވެސް އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން 2022 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1 ބިލިއަން ލިބިފައިވާއިރު މިދިޔަ އަހަރު މި އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާއިރު އެ އެސްޓީއޯއިން ބުނީ އެއީ އެ ކުންފުނީގެ ތާރީހުގައި ވެސް ރެކޯޑް އަދަދެެއް ކަމަށެވެ.

2022 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރު ލިބުނު ފައިދާއަކީ 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ ވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ.

އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް އިތުރުވެ، 1.1 ބިލިއަނަށް ވަނީ އަރާފައެވެ. އެއީ ވެސް ރެކޯޑް އަދަދެއްކަމުގައި އެސްޓީއޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އެސްޓީއޯގެ ހިއްސާ ވިއްކާތަ މިހާރުވެސް؟

  2. ޚުރީ

    ކުރީސަރުކާރުގެ ސަބަބުންދޯ