އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިިފއެވެ.

އެ ކުޑަކުދިންގެ ހަވީރު ބާއްވަނީ އެ ވުޒާރާ އާއި އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ގުޅިގެންނެވެ.

އެ ވުޒާރާ އިން ބުނީ މިއަދު ހަވީރު 4:000 އިން 6:00 އަށް އިސްލާމީ މަރުކަޒު މައިދާނާއި ކުޑަކުދިންގެ ބަގީޗާގައި އެ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނެ ކަމަށެވެ.

ކުޑަކުދިންގެ ހަވީރު ބާއްވާ ގަޑިއަކީ މާލޭގައި ވެހިކަލް ދުއްވުން މަނާ ގަޑިއެކެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ފާހަގަކުރަމުންދާއިރު، އެ ވުޒާރާއިން ވަނީ އީދާއި ގުޅޭ މަދަހަތަކެއް އާންމުންނަށް އަޑުއަހާލެވޭގެ ގޮތަށް ގެނެސްދީފައެވެ. އެގޮތުން އެ ވުޒާރާ އިން ވަނީ މީގެ ދެ މަސް ކުރިން "އީދު އައީ" ގެ ނަމުގައި މަދަހަ އަލްބަމެއް ވެސް ނެރެފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނެރުނު އެ އަލްބަމަކީ އީދަށް ހާއްސަކޮށް ނެރުނު މަދަހަ އަލްބަމެކެވެ. އެ ވުޒާރާއިން ކުރި ޕޯސްޓެއްގައި ބުނި ގޮތުން އެ މަދަހަ އަލްބަމް މިހާރު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.