މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)އިން ޚާއްސަ ނައިޓް މާކެޓެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީއޭއިން ބުނެފައިވަނީ "މިނިވަން އުފާ ނައިޓް މާކެޓް" ނަމުގައި ނައިޓް މާކެޓް ބޭއްވުމުގެ މަގުސަދަކީ މިނިވަންދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް އަދި، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސަން ބޭނުންވާ ކަމަށް ވެސް އެމްޓީއޭ އިން ބުނެފައިވެއެވެ.

މި ނައިޓް މާކެޓް އޮންނާނީ އަންނަ އޮގަސްޓް މަހުގެ 1 އިން 7 އަށެވެ.

މި ނައިޓް މާކެޓްގައި ވިޔަފާރި މުދާ ވިއްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެމްޓީއޭއަކީ ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާއިން ވިޔަފާރިވެރިންނަށް އިތުރު ފުރުސަތު ހޯދައިދީ އަދި ވިޔަފާރި އާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު