ޅ. އަތޮޅު ކައުންސިލުގެ ރައީސްގެ ގޮނޑި ހިމެނޭހެން ތިން ބައި-އިލެކްޝަނެއްގެ ގޮނޑި އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކާމިޔާބުވެއްޖެއެވެ.

ޕީއެންސީއަށް ލިބުނު ހުސްވެފައިވާ 3 ގޮނޑިއަކީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުގެ ގޮނޑިއާއި، ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ގޮނޑިތަކަށް ޕީއެންސީން ވާދަކުރި ކެންޑިޑޭޓުން ހޮވިފައިވަނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު، އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ ކަމަށެވެ.

އިންތިޚާބަކާ ނުލައި ގޮނޑި ކާމިޔާބު ކުރެއްވީ:

  • ޅ. އަތޮޅު ކައުންސިލް ރައީސް: މުޙައްމަދު ސަނީ، މުނިމާގެ، ޅ. ނައިފަރު
  • ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު: އަބްދުﷲ ސާމިހު، ފަޒާ، ރ. ހުޅުދުއްފާރު
  • ޅ. ހިންނަވަރު އ.ތ.މ ކޮމިޓީގެ މެމްބަރު: ފާތިމަތު މޫސާ، ރީކޯ، ޅ. ހިންނަވަރު

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވަނީ 10 ބައި-އިލެކްޝަނެއް އަންނަ މަހު 20 ގައި ބޭއްވުމަށެވެ. އޭގެ ތެރޭގައި 8 ލޯކަލް ކައުންސިލް ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދެ ބައި-އިލެކްޝަނެއް ހިމެނެއެވެ.

ނަމަވެސް އިންތިޚާބަކައި ނުލައި ބައެއް ބައި-އިލެކްޝަންތަކުގެ ގޮނޑި ޕީއެންސީއަށް ލިބުމާއެކު، ޖުލައި 20ގައި މިހާރު އޮންނާނީ 6 ލޯކަލް ކައުންސިލް ބައި-އިލެކްޝަނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް ޕީއެންސީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ މެމްބަރުންނާއި ސަރުކާރަށް ތާއިދުކުރައްވާ މެމްބަރުންނާއެކު 78 މެމްބަރުން ތިއްބަވައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް ނެގުނީ 12 ގޮނޑިއެވެ.