މީހަކު ކޮޓަރިއަކަށް ވެއްވުމަށް ފަހު އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި މިދިޔަ މަހު ހައްޔަރުކޮށް ބަންދު ކުރި ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ 39 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން، މާލެއަށް ނިސްބަތްވާ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މީހުންގެ މައްޗަށްވެސް ތުހުމަތު ކުރަނީ ރަހީނުކޮށް، ބިރުދައްކާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފައިސާ ފޭރުމެވެ.

މި މީހުންގެ ބަންދަށް މީގެ ކުރިންވެސް 15 ދުވަސް ޖެހިއިރު، ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ގެންދިއުމުން، އިތުރު 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފައެެވެ.

މި މީހުންނާއި ގުޅޭ ބަންދު އުމުރުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ބަަޔަނާއި ބޭންކް ސްޓޭޓްމެންޓާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

މާލޭގައި ރަހީނުކޮށްގެން ފައިސާ ފޭރެ މައްސަލަތައް ވަނީ އިތުރުވެފައެވެ.