އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގައި ފާއިތުވީ 24 ގަޑިއިރުތެރޭ 5 ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާ ހުއްޓުމެއް ނެތި ޔަހޫދީން ދަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ފާއިތުވީ 24 ގަޑިއިރުތެރޭ ބޮން އެޅުމުގެ ސަބަބުން 9 މީހަކާއި 5 ކުޑަކުދިންވެސް ޝަހީދުކޮށްލާފައިވާ ކަމަށް ބޭރު މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. މި ހަމަލާތަކުގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ނިރުބަވެރި ސިފައިން ދަނީ ބޮން އަޅައި މުޅި ޣައްޒާ ނެތިފަނާ ކުރަމުންނެވެ. އަދި ޔަހޫދީ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއް ތަންތަނަށް ވަދެ މީހުންނަށްވެސް އެކިވަރުގެ އަނިޔާތައްދީ ދަނީ ޝަހީދުކުރަމުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުއާންމުގައި 15،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މި ހަމަލާތަކުގައި 37،337 މީހުން ވަނީ ޝަހީދުވެފައިވާއިރު، 85299 މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާފައިވާއިރު، އަދިވެސް ޣައްޒާގައި އަޅުވެތިކޮށްފައިވާ ދިހަވަރަކަށް މީހުން އެބަތިއްބެވެ.

ހިޒްބުالله އިން އިސްރާއީލަށް ބޯޑަރު ހުރަސްކޮށްފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިންޒާރުދީފައެވެ.

ޔަހޫދީ ދީނުގެ ހަރުކަށި ފިކުރުގެ މީހުން އިސްރާއީލްގެ އަސްކަރިއްޔާ އަށް ވައްދަށް ޖެހޭ ކަމަށް ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ ވެރިޔާ ހަރްޒީ ހަލޭވީ ވަނީ ރޭ ބުނެފައެވެ.

އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން މިހާރު ވަނީ މުޅި ރަފަހްގެ ދެބައި ކުޅަ އެއްބައި އެމީހުންގެ ސީދާ ބާރުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް ފަލަސްތީނުގެ ހިތްވަރުގަދަ މުޖާހިދުން އަދިވެސް އެ ދަނީ ހިތްވަރާއި އެކީ ހަނގުރާމަކޮށް އިސްރާއީލްގެ ސިފައިން މަރަމުންނެވެ. މިހާހިސާބުން ވެސް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ ފެއިލް ވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ޤަބޫލުކޮށް ހަނގުރާމަ ހުއްޓާލަށް ވެއްޖެ ކަމަށް މެދުއިރުމަތީގެ ސިޔާސީ ކަންކަން ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ޕުރޮފެސަރ ހަސަން ބަރާރީ ވަނީ ވިދާޅުވެފައެވެ.