މާލޭގެ މަގެއްގެ މަތީގައި ޕާކު ކޮށްފައި ހުރި ސައިކަލްތަކެއްގައި ރޯވީ، ބަޔަކު ގަސްދުގައި ހިންގި އަމަލަކުން ކަމަށް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހެންވޭރު މެހެލި ގޯޅީގައި ހުރި ސައިކަލްތަކެއްގައި ރޯވީ ރޭ 00:37 ހާއިރުއެވެ.

މި ހާދިސާގައި ފަސް ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިއީ ގަސްދުގައި ބަޔަކު ހިންގި އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "ވަގުތު" އަށް މިއަދު ވިދާޅުވީ މިއީ ގަސްދުގައި ކުރިކަމެއް ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށެވެ.

އެކަމަކު މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ސައިކަލްތަކުގައި ރޯވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މަޖިލިސް ކައިރީގައި ހުރި ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ވަނީ ގަސްދުގައި ރޯކޮށްލާފައެވެ. މި މައްސަލައިގައި އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.