ރައްޔިތުންގެ މަޖލިސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލުން އެއީ، މީހަކަށް، ނުވަތަ ބަޔަކަށް ދިން އިންޒާރެއް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލޭގެ މެދުޒިޔާރަތްމަގުގައި ހުންނަ މި ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލީ މިމަހުގެ ހަތަރު ވަނަ ދުވަހުގެރޭ ދަންވަރު 3:03 ހާއިރުއެވެ.

މިހާދިސާގައި ހަތް ސައިކަލަކާއި ވޭނަކަށް ވަނީ ގެއްލުން ލިބިފައެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މިއީ މަޖިލިސް މެމްބަރަކަށް ނުވަތަ މެމްބަރުންތަކަކަށް އަދި ސަރުކާރުގެ އިސްވެރިޔަކަށް ދިން އިންޒާރެއް ކަމަށް ބުނެ ވަނީ އަޑު ފެތުރުފައެވެ.

މިކަމާ ގުޅިގެން "ވަގުތު" އިން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ސައިކަލް ތަކުގައި ރޯކޮށްލީ ގަސްދުގައި ކަމަށެވެ. އެކަމަކު މިއީ ދިން އިންޒާރެއް ނޫން ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މިކަން ހިންގި މީހާ ދެނެގަނެ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

އެއީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ. އޭނާ މިކަން ކުރި ސަބަބެއް މިހާތަނަށް ހާމައެއް ނުކުރެއެވެ.