ރައްޔިތުން އިތުބާރު ކުރާ ކުންފުންޏަކަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހަދަން ޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒުހައިރު ވިދާޅުވީ އާރްޑީސީގެ މަސައްކަތްތަކާއި ހަވާލުވިއިރު ވެސް ކުންފުނީގެ ހާލަތު އޮތީ ދަށްކޮށް ކަމަށެވެ.

އާރްޑީސީގެ ދަރިނި އަދިވެސް ބޮޑުކޮށް އޮތް ކަމަށާއި ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ސަރުކާރުން ކުންފުނިތައް ރީފޯމް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އާރްޑީސީ ވެސް ރީފޯމް ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ތަންފީޒު ކުރުމަށްޓަކައި ރައްޔިތުން އިތުބާރު ކުރާ ކުންފުންޏަކަށް އާރްޑީސީ ހަދަންޖެހޭ ކަމަށެވެ.

"އިތުބާރު ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރީފޯމް ކުރުން. ކުންފުންޏަށް ލިބޭ ގެއްލުން ކުޑަ ކުރުމާއި ކުންފުންޏަކީ އޭގެ ޒާތުގައި ލިބޭ އާމްދަނީއަކަށް ބަލާ، އެ އާމްދަނީއާ އެއްވަރަށް ޚަރަދުކުރާ ކުންފުންޏަކަށް ހަދަންޖެހޭ. ކުންފުނީގެ ބައެއް މަސައްކަތްތައް ނިންމުމުގައި ވެސް އެބަހުރި މައްސަލަތަކެއް" ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު ވިދާޅުވީ ކުންފުނި ރީފޯމް ކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާ، އެ ސިޔާސަތުތައް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ އިންސާނީ ވަސީލަތްތައް ކަމަށާއި އެންމެ ރަނގަޅު ގޮތުގައި އިންސާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް އަލުން ރުކުރުވާލަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ހިއުމަން ރިސޯސްގެ ޤަވާއިދުތައް ވޭތުވެދިޔަ ފަސް އަހަރު ތަންފީޒުނުކުރާކަން ފާހަގަކުރައްވާ ޒުހައިރު ވިދާޅުވީ މުވައްޒަފަކު ކުންފުނީގެ ޤަވާއިދާ ހިލާފަށް އަމަލުކުރާނަމަ އެކަންތައްތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނަން މުވައްޒަފުންގެ ސުލޫކީ މިންގަނޑު ކަނޑައަޅަން. ސުލޫކީ މިންގަނޑުތައް ކަނޑައަޅާ، އެ އަހްލާޤު ޤާއިމުކުރަން އެބަޖެހޭ. މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވެ މަސައްކަތުގައި ޝާމިލުވެގެން އުޅެން އެބަޖެހޭ. އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ރަށްތަކުގައި ވެސް މުވައްޒަފުން އައިސް ފިންގަރޖެހުމަށްފަހު މުވައްޒަފުން އެހިސާބުން އެ ގެއްލުނީ. ދެން އަނެއްކާވެސް މި ފެންނަނީ ނިންމާ ގަޑީގައި، އޭގެ ޒާތުގައި އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަންތައްތައް. އެކަންތައްތައް ރަނގަޅުކޮށް، ސުޕަވިޝަން ވެސް ރަނގަޅު ކުރަން އެބަޖެހޭ" ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ ކުންފުނިން ކުރާ މަސައްކަތާއި ޚަރަދު އެއްހަމައެއްގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ކުންފުނިން އެ އަމާޒަށް ވާސިލްވުމަށް ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.