ދ.ކުޑަހުވަދޫގައި މިއަހަރު އަޟްހާ އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރު ފަލަސްތީނުގެ ރައްޔިތުނަށްޓަކައި ހިނގާލުމެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ގައުމީ ފެންވަރުގައި މިއަހަރު އަޟްހާ އީދު ފާހަގަކުރަން ނިންމާފައިވާ ތިން ރަށުގެ ތެރޭ ކުޑަހުވަދޫވެސް ހިމެނެއެވެ. މި ހިނގާލުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަވީރު 4:30 އިން 5:30 އަށެވެ. މި ހިނގާލުމުގައި އީދަށް އެރަށަށް ދިޔަ މެހެމާނުންވެސް ބައިވެރިވާނެ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ފަލަސްތީނަށްޓަކައި ބާއްވާ ހިނގާލުމާ ބެހޭ ގޮތުން ކުޑަހުވަދޫ ކައުންސިލު މެންބަރ އައިޝަތު ނަޝީދާ "ވަގުތު" އަށް މައުލޫމާތުދިން ގޮތުގައި އިއްޔެ ބޭއްވި ކުދަކުދިންގެ ހަވީރުގައިވެސް ފަލަސްތީނަށްޓަކައި ވަނީ ފަންޑުފޮށްޓެއް ބަހައްޓާފައެވެ. އަދި މާދަމާ ހިނގާލުން ފެށިގެންދާއިރު ފަންޑު ފޮށްޓެއް ބަހައްޓާނެ ކަމަށް ނަޝީދާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އެ އިވެންޓު ބާއްވަނީ ވަކި ބަޔަކަށް ހާއްސަކޮށްގެން ނޫން، ރަށުގައި އެވަގުތު ތިބި ހުރިހާ ފަރާތްތަކަށް އެއީ މެހެމާނުންނާއި ރަށުގައި މިތިބި ކުދިބޮޑު އެންމެހާ ރައްޔިތުން އެއްކޮށް ހިނގާލުމެއް މި އިންތިޒާމު ކުރީ. އިއްޔެ ކުދަކުދިންގެ ހަވީރުގައިވެސް އަޅުގަނޑުމެން ވާނެ ފަންޑު ފޮށްޓެއް ބަހައްޓާފައި، މާދަން ހިނގާލުން ފެއްޓޭއިރުވެސް އަޅުގަނޑުމެން އެ ސަރަހައްދުގައި ހަމަ އެ ފަންޑު ފޮށި ބަހައްޓާނަން." ނަޝީދާ ވިދާޅުވިއެވެ.

މިއަދު މެންދުރު ރައްޔިތުންނަށް ހާއްސަކޮށް ކައުންސިލުން ވަނީ ޖާފަތެއް ބޭއްވުމަށް ނިންމާފައެވެ. މި ޖާފަތަކީ މެހެމާނުންނަށާއި ރަށުގެ ރައްޔިތުންނަށް ކައުންސިލުން ދޭ ކޭމެކެވެ. މިއަދު ހަވީރު ފުޓުބޯޅަ މެޗެއް ބާއްވަން ނިންމާފައިވާއިރު މިރޭ ދިއްގަރު ލަނގިރި ޖެހުން އޮންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. ލަނގިރި ޖަހާ ބޭފުޅުންގެ ޓީމު މިއަދު ހަވީރު ކުޑަހުވަދޫއަށް ވަޑައިގަންނަވާނެއެވެ.

ކައުންސިލުން ބުނީ ފަލަސްތީން ރައްޔިތުންގެ ހައްގުގައި ހިނގާލުމެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އަޟްހާ އީދުގެ މުނާސަބާ ފާހަގަކުރުމުގެ ތެރޭގައި ވެސް ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ އެކީ އެރަށުގެ ރައްޔިތުންނާއި ހުރިހާ ދިވެހި ރައްޔިތުން ތިބިކަން ދައްކުވައި ދިނުމެވެ.

މިދިޔަ ހަފުތާގައި މުޅި ރާއްޖޭގައި ވަނީ ފަލަސްތީނަށް އެހީވާން ޓެލެތޯނެއް ވެސް ބާއްވައިފައެވެ. ފަލަސްތީނާ އެކީ އަބަދު ވެސް ދިވެހިން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން މީގެ ކުރިން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާފައިވެއެވެ.