މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފައިވާއިރު، ވަގަށް ނެގީ އީދަށް ދިއްލި ލައިޓްތަކުގެ ބޮޑު ތިން ކޭބަލް ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިއަދު "ވަގުތު" އަށް ވިދާޅުވީ އެ ކޭބަލްތަކަކީ ސަރުކާރުން މާލެސިޓީ ކައުންސިލަށް ހަދިޔާ ކުރި ކޭބަލްތައް ކަމަށެވެ. އަގުގެ ގޮތުން ބަލާނަމަ އެ ކޭބަލްތަކުގެ އަގު ސީދާ ނޭގުނަސް އަގު ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އާޒިމް ވިދާޅުވީ، އެއްވެސް އުޒުރަކާއި ނުލާ ޤާނޫނު ތަންފީޒު ކުރަންޖެހޭ ކަމަށެވެ. ކުދި ކުދި ކުށްތަކަށް އަދަބު ނުދީ ދޫކޮށްލުމުން ބޮޑެތި ކުށްތަކަށް މީހުން އަރައިގަންނަ މަންޒަރު މި މުޖުތަމައު އިން ފެނިގެންދާ ކަމަށެވެ.

ކުށް މަދުކުރުމަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެކަމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ބެލެނިވެރިންނާއި ފުލުހުންނާއި އެކި އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެކަމަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ރަނގަޅު މުސްތަޤް ބަލެއް ބިނާކުރުމަށާއި ޤައުމު ހަމަ މަގަށް އެޅުވުމަށް އެންމެންގެ ޒިންމާ ފުރިހަމައަށް އަދާ ކުރައްވަންޖެހޭ ކަމަށެވެ.

މާލެސިޓީ ކައުންސިލުން ވަނީ ވަނީ ޖުމްހޫރީ މައިދާނުގައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންދިޔަ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު އަދި ސަލާމަތީ ގޮތުން ވެސް އެންމެ ވަރުގަދަ އެއް ދިމާލެވެ. ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ އެ ސަރަހައްދަކީ ފުލުހުންނާއި ސިފައިންގެ މަރުކަޒު ވެސް ހުންނަ ސަރަހައްދެވެ.

އީދަށް އެންމެ ބޮޑަށް ޒީނަތްކޮށް ދިއްލާ އެއް ސަރަހައްދަކީ ޖުމްހޫރީ މައިދާން ސަރަހައްދެވެ. އެ މައިދާނުގައި ހަރުކޮށްފައި ހުރި ބައެއް ލައިޓްތަކުގެ ކޭބަލްތައް ގެންދިއުމުގެ ސަބަބުން އެ ލައިޓްތައް މިހާރު ނުދިއްލެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހައްލެއް

    ބޭނުންކޮށްފައިވާ ކޭބަލް ހަމައެކަނި ގަނެ ވިއްކާ ތަނަކަށް އެމްޓީސީ ނުވަތަ ވެމްކޯ ހަދަން ޖެހޭ. އޭރުން ކޭބަލް ވަގަށް ނެގުމުގެ ކަންކަން ހުއްޓޭނީ. މިވެސް އެއް ހައްލު

  2. Anonymous

    ދެން އެތަނުން ވައްކަން ކުރި ބަޔަކު ނުހޯދެންޏާ އެއްވެސް ބަޔަކު ހޯދޭނެ ކަމަކައް ނުދެކެވޭ.

  3. ގްރީންޒޯން

    އެހެންވީމާ ކޮމެންޓް ކުރުމުގެ ބޭނުމެއްނެތް.

  4. Anonymous

    ނަން ގްރީންޒޯން ވީމާ ވާގޮތް.
    ކަން ގްރީން ޒޯންނަމަ އެހެންނުވާނެ.