ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޖު މަތިވެރި އަޅުކަމުގެ ހުރިހާ ކަމެއް ފުރިހަމައަށް ބަލަހައްޓަމުން ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުްގެ ސިޓީފުޅުގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ ދުވަސްވަރަކީ މުސްލިމު އުންމަތުގެ މެދުގައި އޯގާތެރިކަމާއި ދީލަތިކަމާއި އެއްބައިވަންތަކަން އާލާވެގެންދާ ދުވަސްވަރެއްކަމުގައި ލެއްވުމަށާއި މުސްލިމު އުންމަތަށް ޞުލްޙަމަސަލަސްކަމާއި އުފާވެރިކަން ފާގަތިކަން އިތުރުދެއްވުން އެދިވަޑައިގެން ދުއާ ދަންނަވާފައިވެއެވެ.

މީގެ އިތުރުން އަޟްހާ އީދުގެ މުނާސަބާގެ ތަހުނިޔާއާ ހެޔޮއެދުންތައް ސައޫދީ ވަލީއަހްދާއި އެގައުމުގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ފޮނުވާފައިވެއެވެ.

އެމަނިކުފާނުގެ ސިޓީފުޅު ނިންމަވާލައްވާފައި ވަނީ ސައޫދީ އަރަބިއްޔާގެ ރައްޔިތުންނަށް އުފާފާގަތިކަމާ އަދި ސައޫދީ ވަލީއަހްދަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް 1،150 ފަރާތަކުން ދިޔައެވެ. މީގެ ތެރެެއިން 50 ފަރާތަކީ ހައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ހަރަދުގައި ޙައްޖަށް ފޮނުއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ހައްޖަށް ދިޔަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު