ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ މިއަދު ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މަސައްކަތުގައި އުޅެނިކޮށް މަރުވީ އިންޑިއާ ފިރިހެނެކެވެ. އޭނާ މަރުވި ސަބަބު އަދި އެނގިފައި ނުވެއެވެ.

ސިނަމާލެ ބްރިޖު މެއިންޓަނަންސް މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާއެވެ. އެ ކުންފުނިން އެ މަސައްކަތް ފެށީ މީގެ ދެ މަސް ކުރިންނެވެ. ސީސީސީސީ އަށް ސިނަމާލެ ބްރިޖު މެއިންޓަނަންސް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ.

އެ އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 3.6 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ބެލެވޭ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަވި

    އެމީހުން ގަދަ އަވީގައި މަސައްކަތް ކުރާ ތަން ފެނިގެން އެކަމާ ވަރަށް ކަންބޮޑުވި. ހީޓް ސްޓްރޯކް އެއް ޖެހުނީ ކަމަށްވާނީ! ކުންފުނިން މިޔަށްވުރެ ފަރުވާތެރި ވާން ވާނެ. އެއީ ވެސް ހަމަ އިންސާނުން.

  2. ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް

    އިންޖިނިއަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ، އެހައިމެ ޢިލްމީ ބައެކެވެ.