މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް 9 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 2023 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބާލައިރު ދެގުނަ އިތުރެވެ. މިދިޔަ އަހަރުގެ މެއި މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 4.5 މިލިއަން ރުފިޔާއެވެ. މި އަހަރު ލިބިފައިވަނީ 9.1 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 48.1 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ލިބުނީ 46.4 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.6 ޕަސެންޓް ދަށް އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތުގެ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހު އެވެ. މިހާރުގެ ނިސާބަކީ 9،353.4 ރުފިޔާއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިސޯބުގެ މިންވަރު ނުވަތަ އެއަށްވުރެ ގިނަ ފައިސާ ހަމަވެފައި ހުންނަތާ އެއް އަހަރުވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ...

    ނިސޯބު ހަމަވިޔަސް އަދި ޒަކާތް ނެރުމުގެ ޝަރުތުހަމަނުވެދާނެ އެހެން ކަން ކަންވެސް ހުރޭ...
    ދީނީ ތިކަހަލަ ކަންކަން ހާމަ ކޮށްދޭ އިރު ފުރިހަމަ ކޮށްލައިފިނަމަ އާންމު މީހާ އަށް އޭނާ ފަރުދީ ޒިންމާ ދެނެގަންނަން ފަސޭހަވެގެން ދާނެ ކަމަށް ބެލެވޭ...
    ނިސާބު ހަމަވިޔަސް ދަރަންޏެއް އޮތް މީހަކު މުދަލުގެ ޒަކާތް ނެރޭކަށް ނުޖެހޭނެ...އިސްލާމް ދީނަކީ ބުރަ އެއް އޮތް ދީނެއް ނޫން...އެހެންވީމަ ދީނުގެ ހިތްގައުމުކަމާއި ޗާލުކަމަށް އުނިކަން އަންނާނެ ގޮތަކަށް ވާހަކައެއް ދެއްކިދާނެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ވާނެ...