މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެން 200 އަށްވުރެ ގިނަ ފަރާތުގެ ބޭންކް އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައި ވާ ގޮތުން ޓެކްސް ނުދައްކައިގެން ނޯޓިސް ދިނުމުންވެސް ފައިސާ ނުދެއްކި 285 ފަރާތެއްގެ ބޭންކް އެކައުންޓް މިދިޔަ އަހަރު ތެރޭގައި ވަނީ ފްރީޒްކޮށްފައެވެ. އަދި ފްރީޒް ކުރި އެކައުންޓްތަކުން 90.3 މިލިއަން ރުފިޔާ ދައުލަތަށް ނެގިއެވެ.

މިދިޔަ އަހަރު ޓެކްސް ދައްކަންޖެހި ނުދެއްކި ފަރާތްތަކުގެ ތެރެއިން ޓެކްސް ނުދެއްކި 17،054 ފަރާތެއްގެ މައްޗަށް މީރާއިން ވަނީ ފިޔަވަޅު އަޅައިފައެވެ. މިދިޔަ އަހަރު އެޅި އެ ފިޔަވަޅުތަކާ ގުޅިގެން ޓެކްސްގެ ގޮތުގައި ނުދައްކައި ހުރި ފައިސާއިން 3.9 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ވެސް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޓެކްސް ނުދައްކައި ހުރި ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން މީރާއިން ވަނީ ގިނަ ނޯޓިސް ތަކެއް ފޮނުވާފައެވެ. އެގޮތުން ފައިސާ ދެއްކުމަށް އަންގާ 10،013 ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވެއެވެ. އަދި އެ ނޯޓިސްތަކާއި ގުޅިގެން 2.2 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ހޯދާފައެވެ.

އެހެންނަމަވެސް، 6234 ފަރާތަކުން ވަނީ އަމިއްލަ އިސްނެގުމުގެ މަތިން މިދިޔަ އަހަރު މީރާއަށް ފައިސާ ދައްކައިފައެވެ. އެގޮތުގެމަތިން އެފަރާތްތަކުން 1.4 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ދައްކައިފައެވެ.

މީގެ އިތުރުން މިރާއިން ގެންގުޅޭ "ނޭމް އެންޑް ޝޭމް" ގެ ސިޔާސަތުގެ ދަށުން ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމުކޮށް އިއުލާން ކުރެވިފައިވެއެވެ. އެފަރާތްތަކުން 259.5 މިލިއަން ރުފިޔާ ވަނީ މީރާއަށް ދައްކައިފައެވެ.

ޓެކްސް ދެއްކުމަށްޓަކައި އީމެއިލް މެދުވެރިކޮށް މުއާމަލާތް ކުރުމުން 32 ފަރާތަކުން ވަނީ ނުދައްކައި ހުރި ޓެކްސް ދައްކައިފައެވެ. އެގޮތުން 3.4 މިލިއަން ރުފިޔާ ވަނީ ރިކަވާ ކޮށްފައެވެ. އަދި ހަމައެހެންމެ، ކޯޓަށް ގޮސްގެން ނުވަތަ ގާނޫނީ ފިޔަވަޅު އަޅައިގެން 20 ފަރާތަކުން ވަނީ ޓެކްސް ފައިސާ ދައްކައިފައެވެ. އެފަރާތްތަކުން 335،429 ރުފިޔާ ވަނީ ރިކަވާ ކުރެވިފައެވެ.

މީރާ އިން ވަނީ ބަހާލައިގެން ޓެކްސް ދައްކަން ގިނަ ފަރާތްތަކަށް ފުރުސަތު ދީފައެވެ. އެގޮތުން މިދިޔަ އަހަރު ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރެއިން 795 ފަރާތަކަށް ފައިސާ ބަހާލައިގެން ދައްކަން މުޅިން އަލަށް ފުރުސަތު ދިނެވެ. އެ ފަރާތްތަކުން ނުދައްކައި ހުރި ފައިސާގެ ޖުމްލަ އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރާކަމަށް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮރަލް

    ރިސޯޓް އޯނަރުންނަށް މާފް ކޮށްދީފަ ކުދި ވިޔަފާރި ތަކަށް ބިރު ބޮޑު ވަނީ އެވެ.

    25
  2. Anonymous

    ބުރުމާ ސޭޓުގެ މައްޗަށް ފިޔަވަޅެއް ނާޅާތަ؟

    17
    0
    • ބެއްޔާ

      އޭނަހުރީގާނޫނަށްވުރެމަތީގަ. ގާނޫނުއޮތީއޭނަގެ ފައިދަށުގަ. ދެންކިހެނެއްހަދާނީ

  3. the Maldivians

    ކުދި ވިޔަފާރި ތަކަށް އެކަނި ތި ބިރު ދައްކަނީ. މަހުޖަނުން ނާ ބަންގާޅު ބޭފުޅުން އެއްވެސް ފައިސާ އެއް ނުދައްކާ..

    21
  4. ޝްރޭ

    މީރާ އިން ކީއްވެތޯ ވަގަށް ނުވަތަ އޮޅުވާލައިގެން ވިޔަފާރި ކޮންޓްރޯލްކުރާ ބިދޭސީންގެ އެކައުންޓު ތައް ފްރީޒް ނުކުރަނީ ..މަހެއްގެ މައްޗަށް 2 ލައްކައިން މަތީ ގިނަމީހުން އާމްދީ ހޯދާ.ރިޕޯޓު ކުރިޔަސް ގޯސް ވަނީ ރިޕޯޓް ކުރާމީހާ..

  5. ޕުޓިން

    ހާދަ ހުތުރު ކަމެކޭ ތިގޮތަށް ބުރަމަސައްކަތް ކޮށްގެން ހޯދާ ފައިސާ ފޭރިގަތުން.. ހާދަ އަނިޔާވެރިއޭ..ޒަކާތު ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ވަކި ބައެއްގެ އަތުން އަތުނުލެވޭނ

  6. ސުވޭ

    ދެން އެހެންވީމާ ދައުލަތުގެ ކުންފުނިތަށް ކަމަށްވާ ފެނަކައާއި އެމްޓީސީސީ އިން ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަކަށް ތަކެއްޗާއި ޚިދުމަތް ހޯދައި ނުދައްކާ ހުރި ފައިސާ ރައްޔިތުންގެ އަމިއްލަ ކުންފުނިތަކަށްދީ ޚަލާސް ކުރަންވީނުން. ފެލަންވީމަ ރައްޔިތުން ފެލާލެވޭ..އެކަމަކު ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަށް ސަރުކާރުން އިންވޮއިސްތަކަށް ފައިސާ ނުދައްކައިގެން ބަނގުރޫޓުވިޔަސް ހަމަ އޮކޭދޯ.

  7. ސުވޭ

    ދެން އެހެންވީމާ ދައުލަތުގެ ކުންފުނިތަށް ކަމަށްވާ ފެނަކައާއި އެމްޓީސީސީ އިން ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަކަށް ތަކެއްޗާއި ޚިދުމަތް ހޯދައި ނުދައްކާ ހުރި ފައިސާ ރައްޔިތުންގެ އަމިއްލަ ކުންފުނިތަކަށްދީ ޚަލާސް ކުރަންވީނުން. ފެލަންވީމަ ރައްޔިތުން ފެލާލެވޭ..އެކަމަކު ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަށް ސަރުކާރުން އިންވޮއިސްތަކަށް ފައިސާ ނުދައްކައިގެން ބަނގުރޫޓުވިޔަސް ހަމަ އޮކޭދޯ. ..

  8. 🙁🙁🙁

    ކުދި ވިޔަފާރިކުރާ މީހުންގެ އަތުންތަ މީރާއިން ފޭރެނީ، ކޮބާ މަހުޖަނުން؟؟