ރައީސް އޮފީހުގެ މިހާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިރު ލިޔެކިޔުން ނެތި އެ ކުންފުނިން ކުރުވި ބައެއް މަސައްކަތްތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށް ބައެއް ނޫސްތަކުގައި ގެނެސްފައިވާ ހަބަރު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ދޮގުކުރައްވައިފިއެވެ.

"އަދަދު" ނޫސް އަދި "ތޭރައޮންލައިން" ގެ ހަބަރެއްގެ ސްކްރީންޝޮޓް އާއެކު ޒީނާގެ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ "ނޫސްވެރިކަމުގެ ނަމުގައި ދޮގު ފެތުރުން ނޫންކަމެއް ކުރަން ނެތީބާއޭ ހިތަށްއަރާ" ކަމަށެވެ.

މީގެ އިތުރުން، ޖޭއެމްޖޭ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް އެއް މިލިއަން ރުފިޔާ ދައްކާފައިވާނީ ކޯޓުގެ ހުކުމަކާއި އެއްގޮތަށް ކަމަށާއި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ހެޑަކަށް ހުރި އަހުމަދު ހަނީފްގެ މައްސަލަަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އޮޑިޓް އޮފީހުން އޮޑިޓެއް ހަދަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ޒީނާ އިތުރަށް ވިދާޅުވީ، ހަނީފު ވަޒީފާއިން ވަކިކުރީ ޑޮލަރު ގަތުމަށް ކަމަށް ބުނެ ޕީއެސްއެމްގެ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް މިއަދާއި ހަމައަށް އެ ޑޮލަރު ނުލިބުމުގެ މައްސަލައާއި އިތުރު ބޮޑެތި ތުހުމަތުތަކާއި ގުޅިގެން ކަމަށެވެ.

"13 އޮންލައިން" އިން ރިޕޯޓު ކޮށްފައި ވަނީ ޕީއެސްއެމް އިން އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކުރުވާފައި ހުރި މަސައްކަތްތަކަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒީނާ ދޫކުރެއްވި ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާޙިމު މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕީއެސްއެމް ބޯޑުން އެ ފައިސާ ދޫކުރަން ނިންމާފައިވަނީ ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ. މީގެ އިތުރުން، ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ހެޑް އަހުމަދު ހަނީފު ވަޒީފާއިން ކަނޑާލީ، ޒީނާ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލެއް ހިންގަން މަސައްކަތް ފެށުމުން އެކަމާއި ހަނީފު ދެކޮޅުހެދުމުން ކަމަށް ވެސް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.

"އަދަދު" ނޫހުން ވެސް ރިޕޯޓު ކޮށްފައިވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އިބްރާހިމް ހަލީލު ހުންނެވި އިރު ލިޔެކިޔުން ނެތި އެ ކުންފުނިން ކުރުވި ބައެއް މަސައްކަތްތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މެއި މަހު އާއި މި ހިނގާ ޖޫން މަހު އެ ފައިސާ ދޫކޮށްފައިވާ ކަމަށާއި، ޖުމްލަ 1،153،992ރ. ޕީއެސްއެމް އިން ދޫކުރި ކަމަށް ބުނެފައިވެއެވެ. އަދި އެއީ ޖޭއެމްޖޭ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ދޫކުރި 1،113،992ރ. އާއި އަބްދުﷲ އަޒްމީނަށް ދޫކުރި 40،000ރ. ކަމަށް ވެސް ވެއެވެ.

ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ހެޑް އަހުމަދު ހަނީފު ވަޒީފާއިން ވަކި ކުރުމުން އޭނާ މީގެ ކުރިން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކި ކުރީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ރައީސް އޮފީހުގެ މިހާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ހުންނެވި އިރު ލިޔެކިޔުން ނެތި އެ ކުންފުނިން ކުރުވި ބައެއް މަސައްކަތްތަކަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރަން ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން އެންގުމުން ހަނީފް އެކަން ނުކުރުން ކަމަށެވެ.

އެހެންނަމަވެސް، ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމަންޓްގެ މުވައްޒަފަކު ބުނެފައިވަނީ ޕީއެސްއެމް އިން ރާއްޖެއިން ބޭރުގެ ފަރާތަކާ ކުރަންޖެހުނު ކޮންޓެންޓަކާ ގުޅިގެން އެކުންފުނިން ކުރިން ކޮށްފައިވާ ބޭރުގެ ފައިސާގެ މުއާމަލާތްތަކާ ގުޅޭ ބައެއް ލިޔެކިޔުންތައް ހޯދުމުން އެނގުނީ 2020 ވަނަ އަހަރުން ފެށިގެން އެކި ފަަހަރު މަތިން ޖުމުލަ 4 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޕީއެސްއެމްގެ އެކައުންޓުން ނަގާފައިވާކަމެވެ.

އެފައިސާއިން ކުރި ކަމެއް ފެންނަން ނެތް ކަމަށާއި، ނަގާފައިވަނީ ބޭރު ފައިސާ ގަތުމުގެ ނަމުގައި ކަމަށް ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓުމަންޓުގެ މުވައްޒަފަކު ކިޔައިދީފައިވެއެވެ. އެ ފައިސާއަށް ވީގޮތެއް ބެލިއިރު ފައިސާ ޖަމާކޮށްފައިވަނީ ޕީއެސްއެމްގެ ފައިނޭންސް ހެޑުގެ މަޤާމުގައި ހުރި އަޙްމަދު ހަނީފުގެ ދަރިފުޅު މުޙައްމަދު ޖިނާޙުގެ އެކައުންޓަށެވެ. ހަނީފު ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ 4 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވަނީ މިދިޔަ ސަރުކާރުގެ ވެރިކަމުގައެވެ.

މިގެއިތުރުންވެސް ހަނީފު ވަނީ ޕީއެސްއެމްގެ މުވައްޒަފުން އަތުން ފަހުން ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގާފައެވެ. އެގޮތުން ޕީއެސްއެމްގެ މުވައްޒަފެއް ބުނެފައިވަނީ ބޮޑު ކަމެއް ޖެހިގެން ކަމަށް ބުނެ މުވައްޒަފުން އަތުން 80،000 ރުފިޔާ ނަގާފައިވާކަމަށާއި ދެ ހަފްތާ ތެރޭގައި އަނބުރާ ފައިސާ ދޭނެކަމަށް ބުނި ނަމަވެސް އަދިވެސް އެފައިސާ ނުދޭ ކަމަށެވެ.

މީގެ ކުރިން ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ވަނީ އަދަދު ނޫހުން ތަކުރާރުކޮށް ޕީއެސްއެމްއާ ގުޅޭގޮތުން ދޮގު ޚަބަރު ގެނެސްދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދަދު ނޫހުގެ އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވެރިން

    ޒީނާ ހާދަވަރެއް ތިވަނީ، ހާދަ ހީވެޔޭ ކަމެއް ފޮރުވަން އުޅޭހެން

  2. Anonymous

    ޕީއެސްއެމް އަކީ ވަރަށް ގިނަ ޖަރީމާ ހިންގާ ތަނެކެވެ. މީހުންނަށް ފައިސާ ނުދީ ވަރަށް ގިނައިން މަސައްކަތްކުރުވާ ތަނެކެވެ.

  3. ދުންމާރި

    އަންހެނަކު ފިރިހެނުންގެ މައްޗަށް އިސްކޮށްފިނަމަ އަންހެންމު މުއައްސަސާއެއެްގެ ވެރިއަކަށް އިސްކޮށްފިނަމަ އެތަނެއް ހަލާކުވާކަށް މާ ގިނަ ދުވަހެއް ނުނަގާނެ

  4. ބައިޑެން

    މީނާގެ ކަންތައް ނިމިގެން ދާނީ ކިހިނެއްބާ؟ ވ. ވާހަކަ ގިނަކުރެ އެބަ..

  5. މިހެންނޫނީނުވާނެ

    ކުރުވާފައިވާ މަސައްކަތެއްކަން ފެންނަން ހުރިނަމަ ދެފަރާތުން އެއްބަސްވީ އަގު ދިނުމަކުން މައްސަލައެއްނެތް. ހަމައެއާއެކު، ދައުލަތުން މަސައްކަތްކުރުވަން އޮންނަ ގަވާއިދުތަކާ އުސޫލުތަކާ ޚިލާފަށް ކުރުވާފައިވާ މަސައްކަތެއްނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިތޯ ބަލައި އެ ފަރާތެއްގެ ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު އެފަރާތަކުން ދައުލަތަށް ހޯދަންވެސް ޖެހޭނެ. އަދި އެފަރާތަކާމެދު އިދާރީގޮތުންވެސް ފިޔަވަޅުއަޅަންޖެހޭނެ. އެވަރިހަމަ، މިހާރު ކޮންމެ މަގާމެއްގައި ހުރި މީހަކަށްވިޔަސް.

  6. ހަނީފު

    ޢަލީ ޚާލިދުއަށްވެސް ބައި އެޅިން