މާތް ﷲ ގެ ރަޙުމަތުން މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ، މިފަހަރު ހައްޖުގައި ދިވެހި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށާއި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އޭގެ އިތުރުން، ޑައިލެލިސް ހަދާ މީހުންނާއި، ކެންސަރަށް ފަރުވާ ހޯދާ ބައެއް މީހުންނާއި، ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބިއިރު އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ. އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، މަގު އޮޅުނު 100 އެއްހާ ހާޖީން ސްމާޓް ޓެގް ޑިވައިސްގެ އެހީގައި ހުރި ތަނެއް ބަލައިގެން ހޯދި ކަމަށާއި ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބަލި މީހުން ވެސް އަރަފާތަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.

ފުރޮޅުލީ ގޮނޑީގައި ގިނަ އަދަދެއްގެ ހާޖީން އުޅުނުއިރު އެންމެނަށް އެހީތެރިކަން ދިންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަ ކަމަށެވެ. އަދި މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރި ކަމަށާއި އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

"ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިއްވަރުގަދަ އެހީތެރިންނަށް ޙައްޤު ޝުކުރު ރައްދުކުރަން. ހައްޖު މިޝަންއަށް ޝުކުރު ދަންނަވަން. ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނަށް ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް ބޮޑު ކައްކާ ވަހީދުބެއަށް ޝުކުރު ދަންނަވަން. ޑރ. އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ޝުކުރު ދަންނަވަން. ދިވެހި ހާޖީންގެ ކަންކަން ކަވަރު ކުރި މީޑިއާތަކަށް ޝުކުރު ދަންނަވަން. ޚާއްޞަކޮށް އިސްލާމިކް ސްޓޫޑިއޯގެ ޓީމް، އަދި ޕީއެސްއެމްގެ ޓީމަށް ޝުކުރު ދަންނަވަން. ސައޫދީ ސަރުކާރަށާއި ހައްޖު މިނިސްޓްރީއަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވިއެވެ.

ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަންނަ އަހަރަށް އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއީ ހައްޖު ކޯޕަރޭޝަންގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ހާޖީން ގެނައި ދެވަނަ ފަހަރު، ކަމަށްވާއިރު މާތް ﷲގެ ރަޙުމަތުން ހައްޖު އޮޕްރޭޝަން ކާމިޔާބުކަމަށް ވިދާޅުވިއެވެ.

"އަމިއްލަ ކޮންޓްރޯލުން ބޭރުން އެތަން މިލިއަން މީހުންގެ ތެރޭގައި ހިނގާ މިވަރުގެ ކަމެއްގައި ކިތައްމެ ފުރިހަމަކުރަން އުޅުނަސް އުނިކަން ހުންނާނެ. އިންސާނުންނަކީ އުނިބައެއް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދިނީ ހޫނު ގަދަ މާޙައުލެއްގައި ހާޖީންގެ ސަލާމަތާއި ޞިއްޙަތާއި ރައްކާތެރިކަމަށް ކަމަށެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ހައްޖަށް ދާ ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްމާޓް ޓެގް ބޭނުން ކުރަން ފެށީ މިއަހަރުއެވެ.

މިއަހަރު ހުރިހާ ހައްޖު ކޯޓާއެއް ވެސް ލިބުނީ ހައްޖު ކޯޕަރޭޝަނަށެވެ. މިއީ ބޮޑެތި އަގު ނަގައިގެން މީހުން ހައްޖަށް ގެންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސްމާޓް ޓެގް ކިޔާފަ ވާހަކަ ދެއްކިއިރު އެހެރީ ފެންނަން ވީޑިއޯ، އާންމު ރައްޔިތުން ޓެންޓުގައި ތޮއްޖައްސާފަ ހުރިގޮތް. ލަދު

    9
    3
  2. ހަންޑިކުޑަ

    ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު މީހުން ގެންދަން ހަދައިގެން މުލި އެތި ތިއޮތީ އަތަށް ގޮވާފައި! ރައްޔިތުންނަށް ދަޅަ ދައްކަންވެގެން ޕީ.އެސް.އެމް އާއި އެކި އެކި ތަންތަނުން ކެމެރާ މަނުން. ޕޮރޮޑިއުސަރުން. އެޑިޓަރުން އާއި ޕްރެސެންޓްރޭޝަރުން ގެންގޮސްގެން ވެސް ވީކަމެއް ހަރާން. މިނާގެ ޓެންޓް ތަކުގައި ތިބިި ޙަޖީން ތިބިގޮތް ފެނިފައި އަޅުގަނޑުގެ ހިތައް އެރީ މިއީ ފިލްމެއްގެ ޝޫޓިންގް ގެ ތަންކޮލެއް ބާއޭ! މެޝިންގަން އެއް ހިންގާލީމާ ފުނި ފުނި ފުންޏަށް މީހުން މަރުވެފައި ތިބޭ ގޮތައް މޮނާގެ ޓެންޓް އަޅުގަނޑަށް ސިފަ
    ކުރެވު! ޝަހީމޫ މިދެން ބޮޑި ވަރު!

    10
    3
  3. ސަރަފަކައްދަ

    ޝަހީމޫ! އެހެން ޤައުމު ތަކުގެ މީހުންވެސް މިނާގަ އާއި އަރަފާތުގައި ތިބީ ހަމަ ދިވެހިން ތިބި ހާލުގާތޯ!

    11
    1
  4. ކުޑަ އިނގިލި

    ޝަހީމޫ ! ދިވެހި ޙާއްޖީން ހާލުގައި ޖެއްސޭނީ ތިހާކަން ވަރަކަށް!

    11
    2