މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން ދިޔަ 1،150 ހައްޖާޖީންނަށް ވަރަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވުނު ކަމަށް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

ޝަކީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި ދިވެހި 1150 ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު ލިބިޑައިގެންނެވުމުން އެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވާ ކަމަށެވެ.

ދިވެހި ހައްޖުވެރިން ސައުދީގައި.

ޝަކީލް ވިދާޅުވީ ފަހުގެ ތާރީހެއްގައި ސައުދީ އަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެވުނު ކަމަށެވެ.

ސިއްހީ ބޮޑު މައްސަލައެއް ކުރިމަތި ނުވެ ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވައި އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުމުން الله سبحانه وتعالى އަށް ހަމްދު ކުރައްވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިން ސައުދީގައި.

"މި ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަބަދުވެސް ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ޝަކީލް ވިދާޅުވިއެވެ.

ޝަކީލް އެގޮތަށް ވިދާޅުވި އިރު، މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިޔަ ދިވެހިންގެ ކަންކަން ވަރަށް ފުރިހަމަ އަށް ބެލެހެއްޓި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ. އަދި ބައެއް ހައްޖުވެރިން ވެސް ފާހަގަ ކުރާ ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅުނު އިރު، ބޮޑު ކަމެއް ދިމާވެފައި ނުވަނީ އިންތިޒާމުތައް ވަރަށް ބޮޑަށް ފުރިހަމަކަމުންނެވެ.

މީގެކުރީ އަހަރުތަކުގައި ފެނިގެން ދިޔައީ ބައެއް ދިވެހި ހައްޖުވެރިން ގެއްލިގެން ދެތިން ދުވަސްވާ އިރުގައި ވެސް ނުފެނި އުޅޭ ތަނެވެ. އަދި ބައެއް ހައްޖުވެރިންނަށް އެކަށީގެންވާ އަވަސް ފަރުވާ ނުލިބޭ މައްސަލަތައް ވެސް މީގެކުރިން ފާހަގަވެފައި ހުއްޓެވެ.

އެކަމަކު، މިފަހަރު ހައްޖު ކޯޕަރޭޝަން އޮތީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެންނެވެ.

ސިއްހީ ގޮތުން ދިވެހި ހައްޖުވެރިންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަންތައްތައް ކަށަވަރުކޮށް ދިނުމަށް މިފަހަރުގެ ދަތުރުގައި ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުން ބައިވެރިވި ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އަދި 24 ގަޑިއިރު ކްލިނިކްގެ ހިދުމަތާއި ފާމަސީގެ ޚިދުމަތް ވެސް މައްކާގެ ހޮޓަލުން ލިބެން ހުއްޓެވެ. އަދި މެޑިކަލް ހޮޓްލައިނެއް ގާއިމްކޮށް އަބަދުވެސް މެޑިކަލް އެމަރޖެންސީތަކަށް އެޓެންޑްކުރެވޭ ގޮތަށް ވެސް ވަނީ ހަދާފައެވެ. އަދި މަޝާއިރުތަކުގައި އުޅޭ އިރުވެސް ޑޮކްޓަރުންނާއި ނަރުހުން ހައްޖުވެރިންގެ ހިދުމަތުގައި ވަނީ ހަރަކާތްތެރިވެފައެވެ.

ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު، ސްމާޓް ޓެގްގެ ބޭނުން ވެސް ހިފި: ޝަހީމް

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ނިމުނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށާއި އެކަމަކު އަންނަ އަހަރު ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.