މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އިސްމާއިލް ވަޖީހު އިބްރާހިގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދައި އެކި މީހުންނަށް މެސެޖް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލް އިން މިއަދު ބުނީ ސީއީއޯ ވަޖީހުގެ ނަމުގައި ފޭކް ފޭސްބުކް އެކައުންޓެއް ހަދައި، އެ އެކައުންޓް މެދުވެރިކޮށް އެކި ފަރާތްތަކަށް މެސެޖްކުރަމުންދާ ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި އެ ކުންފުނިން ވަނީ ފޭކް އެކައުންޓާއި އަސްލު އެކައުންޓުގެ ތަފާތު އެނގޭނެހެން ގްރެފިކެއް ވެސް އާންމުކޮށްފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯއަކަށް އިސްމާއިލް ވަޖީހް އައްޔަން ކުރެއްވީ މީގެ ހަ މަސް ކުރިންނެވެ.

އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވާފައިވާ ވަޖީހު ވަނީ އެމްޕީއެލްގައި 9 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ. އޭނާ ވަނީ އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ކުރައްވައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް މަސައްކަތް ކުރެއްވި ވަޖީހް މީގެކުރިން ބައެއް ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލްކަން ވެސް ކުރެއްވިއެވެ.