އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ހަރުގެ ހިންގި ހ. ވެޔޮވިލާގައި ޕީއެންސީގެ ޖަގަހަ އަންނަ ހޮނިހިރު ދުވަހު ހުޅުވާނެ ކަމަަށް އެ ޕާޓީން ބުނެފިއެވެ.

އެތަނުގައި އެންމެ ފަހުން ބޭނުންކޮށްފައި ވަނީ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެއްގެ ގޮތުގައެވެ. ފަހުން އޭޕްރިލް މަހު މެދުތެރޭ ގޭގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ވަނީ ތަން ހުސް ކުރުމަށް ޑިމޮކްރެޓްސް އަށް އަންގައިފައެވެ. މިފަހުން ޝަފިއްޔާ ގެންދަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ވާހަކަަދައްކަމުންނެވެ.

ޕީއެންސީން މިރޭ ބުނީ ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ހ. ވެޔޮވިލާ ( އާޓިފިޝަލް ބީޗް ކުރިމަތި)ގައި އޮންނާނެ ކަމަށެވެ.

ޕީއެންސީގެ އާ ހަރުގެ - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

އަދި ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ޕީއެންސީން އެތަން ކުއްޔަށް ނަގާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ޕީއެންސީން ވަނީ އެތަނަށް ގެންނަން ޖެހޭ ބަދަލު ގެނެސްފައެވެ.

އެތަން ދެން ބޭނުން ކުރަމުންދާނީ ޕީއެންސީގެ ހަރުގެއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިޒާން

    ޝަފީޢާ ޒުބައިރު އަކީ؛ މިޤައުމަށް ޑިމޮކްރަސީ ގެނައުމަށާއި މިޤައުމުގެ އެންމެ ނިކަމެތި ރައްޔިތުން ހިމެެނޭހެން ހުރިހާ ރައްޔިތުންނަށް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަށް އެންމެބޮޑު މަސައްކަތެއް ކުރެއްވި ކުރީގެ ރައީސް ނަޝީދުއަށް ތާއީދު ކުރެއްވި އަދި މިދެންނެވި މަސައްކަތުގެ ބައިވެރިއެއް. އެބޭފުޅާއަކީ އިބޫ ޞާލިޙުގެ ސިޔާސަތަށް ތާއީދު ކުރެއްވި ބޭފުޅެއްނޫން.
    ވީމާ؛ ޝަފީޢާ ޒުބައިރު؛ މިހާރުގެ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތާއީދު ކުރުމަކީ ނުވަތަ އެބޭފުޅާގެ ގޯއްޗެއް ޕީ.އެން.ސީގެ ޖަގަހަ ހިންގުމަށް ދޫކުރުމަކީ ބަޔަކު ޙައެރާން ވާންޖެހޭ ކަމެއްނޫން.