އައްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުންދަނީ އެ ފަރާތްތަކަށް ނުދެވި ހުރި ފައިސާ ދޭނެކަން އެމްޑީޕީ-ޕީއެންއެފް ކޯލިޝަނަށް ޔަގީންވާތީ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން އައްޑޫގެ މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންދަނީ އެމީހުންނަށް ހައްގުވާ ފައިސާ ހޯދަން ކަމަށާާއި އެ މީހުންގެ އާއިލާތައް މިހާރު ދަރަނިވެރިވެ ހާލުގައިޖެހިފައިވާ ކަމަށް އެ މީހުން ބުނެފައިވެއެވެ.

އެ ކަމާއި ގުޅޭގޮތުން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައިވާ ފައިސާއާއިއެކު 800 މިލިއަން ރުފިޔާ، ފައިސާ ޗާޕް ނުކޮށް މަސްވެރިންނަށް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި މިހާތަނަށް ނުދެވިފައިވާ ފައިސާ ލަސްތަކެއްނުވެ މަސްވެރިންނަށް ދެއްވާނެ ކަން ޔަގީން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުޒާހަރާ ކުރަމުންދަނީ ފައިސާ ދޭނެކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވާތީ ކަމަށާއި އެކަން ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މަސްވެރިންނަށް ނުދެވި ހުރި ފައިސާކޮޅު ލަސްތަކެއް ނުވެ ދޭނެކަން އެމްޑީޕީ-ޕީއެންއެފް ކޯލިޝަނަށް ޔަގީންވާތީ ކުރާ މުޒާހަރާއެއް ކުރަމުން އެ ދަނީ. އަޅުގަނޑުމެންނަށް ތި އޮޕަރޭޝަން ހިނގާ ގޮތް ވަރަށް ސާފުކޮށް އެބަ އެގޭ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަސްވެރިކަމާ ވަޒީރަށް އަދި މާ ރަނގަޅަށް ތި އޮޕަރޭޝަން ދާގޮތް ސާފުވޭ." ޝުޖާއު ވިދާޅުވެފައިވެއެވެ.

މިސަރުކާރުގެ ވަޒީރުން މުޒާހަރާ ކުރަންޏާ އަޑު އައްސަވާނެ ކަމަށާއި ހައްލު ވެސް ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން މަސްވެރިކަމާބެހޭ ވަޒީރެއް ހުންނަ ކަމެެއް ވެސް ނޭނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މަސްވެރިން މުޒާހަރާކުރުމުން އޭރު އެންމެން ލަނީ ޖަލަށް ކަމަށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެ ކަމަށެވެ.

އައްޑޫ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން އިއްޔެ ބައެއް މަސްވެރިން ވަނީ ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް އަދި ފައިސާ ނުލިބިއްޖެ ނަމަ ހުޅުމީދޫގައި ހުންނަ މަސްފެކްޓަރީ ހުއްޓުމަކަށް ގެންނާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވެފައި ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ވަރަށް ގާތުން އައްސަވަމުންދާ ގެންދަވާ ކަމަށާއި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގލ

    މަސްވެރިންގެ މުޒާހަރާގެ ފަހަތުގައި އޮތީ މޑޕ އެވެ
    ގައުމުގައި ހަމަނުޖެހުން އުފައްދައި ވެރިކަން ފޮރޮޅާލުމުގެ
    ވިސްނުމުގައި މަސްވެރިންނަށް ވާގިވެރިވަނީ އެވެ.

    12
    20
  2. ހުސެއިން ޝާމް

    ޢިއްޒަތްތެރި މެމްބަރު ވާހކަ ފުޅު ދައްކަވާއިރު ރައްޔިތުންގެ އިތުބާރު މަނިކުފާނަށް ލިބޭގޮތަށް ވާހަކަ ބައްޓަން ކުރަން ޖެހޭނީ .ފުރަތަމަ ކަމަކަށް އިސްކަން ދޭންވީ ވާހަކަ ދައްކާއިރު ޕާޓީ ތަކުގެނަން ބޭނުން ނުކުރުން ،ދެވަނަ ކަމަކަށް ވިސްނަންވީ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީ.އެން.ސީ އަތުގަކަން.ޕާޓީގެ މެޖޯރިޓީގެ ތާޢިދުވެސް ފަހަރުގަ ބަސްމަގު ހުންނަގޮތުން މަނިކުފާނަށް ގެއްލިގެން ހިގައިދާނެ.މީހުން ވިސްނާނެ ވަރަށް ފުންކޮށް އަދި ޚާއްސަކޮށް މަޖިލީހުގެ މެމްބަރުން ވެސް ދެވަނަ ދައުރެއް ބޭނުންވާނެ.މިހާރު މިއޮތީ ޒަމާން ބަދަލުވެފަ.މިހާ ޓެކްނޮލޮޖީ ބާރު ސްޕީޑެއްގަ ދުނިޔެ އަށް ފެތުރެމުންދާ ދުވަސްވަރެއްގަ ތމާ ދައްކާ ވާހަކަ ވގުތުން އަޑުއައްސަވަމުން ދާނެކަމާ،މިދެއްކޭ ވަހަކަ އަކީ ހުރިހާ ސިޔާސީ ޕާޓީ އަކަށްވެސް އަދި ރައްޔިތުންނަށްވެސް ބަލައި ގަނެވޭނެ ވާހަކަ އެއްކަމަށް ވާން ޖެހޭނެއެވެ. އައްޑޫ ލައިވް.

    16
    3
  3. ނަތަންޔާހޫ

    މާ ބާރަށް އަޑު ގަދަ ނުކޮއް މަސްވެރިންގެ ޙައްޤު ފައިސާ ކޮލު ދީފައި މޮލު ވާހަކަ ދައްކަން ހުރޭ ކަލޭ!

    23
    6
  4. ދަރާބޯ

    ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އެހެން ފައިސާތައްވެސް އެބަހުރި ނުދީ. ފިނޭންސުން ހިފަހައްޓައިގެން ތިބެނީ ރައްޔިތުންނަށް ދޭންޖެހޭ އެތައް ފައިސާއެއް ނުދީ. ރައްޔިތުންނަށް ވާ ދަތި އިހުސާސެއް ނުކުރެވޭ.

    13
    2
  5. ކަދުރޭ

    ކަލޭމެން ތެތިބީ ހޭކެޑިފަތަ؟ މަސްވެރިން މުޒާހަރާ ކުރަނީ ކަރަންޓު ބިލް ފެންބިލް ނެޓް ބިލް އަބިދަރިންނަ ކާންދެވޭނެ ގޮތެއް ނެތިގެން. ކަލޭ ކަރައް ބާރު ޓައި އެއް އަޅައި ގެން ތި ރައިްޔަތުންގެ ގޭގަ ބޭކާރު ވަގުތު ހޭދަކޮއްފަ މަސްނުނިމެނީސް ކަލެޢައް ދޮޅުލައްކަ ރުފިޔާ އައްވުރެ ގިނަ ފައިސާ ކަލޭ ގެ އެކައުންޓައް ޖަމާވާނެ. ކަލެ އައް އަސަރެއްނުކުރިޔަސް މަސްވެރިން ކަޑުމަތީގަ ހޭލާ ތިބެގެން ކުރާ މަސައްކަތުން ބާނާ މަސް ކޮޅައް ދޭންވާ ފައިސާ ނުދީ ކަލޭމެންގެ މުސާރަ ލިބޭތީ ކަލޭމެންގެ ވާހަކަ ތިހުންނަނީ ވަރައް ހުތުރު ކޮއް.

    19
    4