ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ. މިގޮތުން އަރިފަފޯސް އާއި ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދަތުރުމަތީގައި އާއި ހައްޖު/އުމްރާ އަދާ ކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ހަނދާން ކޮށްދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ.

އަދި ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ރޯގާ ޖެހިފައިވާނަ ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހައްޖުވެރިން ހައްޖުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް، ކެއްސާ، ނޭވާލާން އުނދަގުވެ، މޭގާއި ރިއްސުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެ އޭޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޑޮކްޓަރަށް ދައްކަވާއިރު އެބޭފުޅަކީ ހައްޖުން ނުވަތަ އުމުރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަށް ބަލާއިރު ގިނަގިނައިން ދިޔާ ތަކެތި ބޭނުން ކުރުން، އަރާމުކުރުން، ހުންގަދަ ވެއްޖެނަމަ ގައިގައި ފެން ހޭކުން އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލާ ބޭނުން ނުކުރުން ހިމެނެއެވެ.