ހައްޖާޖީން ރާއްޖެއަށް އަންނަ ދުވަސްތަކުގައި އެއާޕޯޓުގައި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ހައްޖުވެރިން ބަލާ އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އެދޭ ކަމަށެވެ.

ހައްޖާޖީން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެނެވެ. ދެވަނަ ބެޗް 28 ވަނަ ދުވަހު އައުމަށް ޖެހިފައިވާއިރު ތިން ވަނަ ބެޗް އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ. އަދި ހާއްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.

ރާއްޖެއިން ހައްޖުވެރިންގެ ގޮތުގައި 1،150 މީހަކު ސައުދީއަށް ދިޔައެވެ. އޭގެ ތެރެއިން ހައްޖުވެރިއަކު ވަނީ ނިޔާވެފައެވެ.

މައްކާގައި ހުންނަވައިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިފަހަރު ހައްޖުގައި ދިވެހި ހާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނު ކަމަށާއި ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.

އޭގެ އިތުރުން، ޑައިލެލިސް ހަދާ މީހުންނާއި، ކެންސަރަށް ފަރުވާ ހޯދާ ބައެއް މީހުންނާއި، ހިތުގެ ބަލި ހުންނަ ބައެއް މީހުން ހާޖީންގެ ތެރޭގައި ތިބިއިރު އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނު ކަމަށް ވިދާޅުވިއެވެ. އަދި އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.