ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގއ. މާމެންދޫ، ގުލޭނޫރަންމާގޭ އަހުމަދު ރަބީއު (26އ) އެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، އޭނާ އަކީ މީގެ ކުރިން އެފަދަ ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލަތަކުގެ ރިކޯޑް އޮންނަ މީހެކެވެ.

އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ތަހުގީގު މަރުހަލާ ނިމި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމާ ހަމައަށް ކަސްޓޯޑިއަލް ޖަލެއްގައި އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާ ބަންދުކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މިމައްސަލައިގައި ފުލުހުން ވަނީ އޭނާގެ މައްޗަށް އެކަން ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައެވެ.