މީސް މީޑިއާގައި އަންހެން ހެދުން އަޅައި ބަރަހަނާ ފޮޓޯ އާންމު ކުރަމުން ގެންދަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ދަށުން ކަަމަށް އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފުވަމުންދާ މައްސަލައިގައި މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލައިގައި އެކި ފަހަރުމަތިން އޭނާ ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އަދި މީގެ ކުރިން ވަނީ ޖަލަށް ވެސް ލާފައެވެ. އެންމެ ފަހުން މިފަދަ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައިވަނީ މޭއި މަހުގެ 4 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 4 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލަފައެވެ.

ފުލުހުން ވިދާލުވީ، ޔާޔާ ނަބީލްގެ މައްސަލައިގައި ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ފޮނުވުމަށް ޕީޖީއާއި އެކު ދަނީ މަޝްވަރާ ކުރަމުން" ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިން ޔާޔާ ނަބީލް މީސް މީޑިއާގައި ބަރަހަނާވި މައްސަލައަކާ ގުޅިގެން ވެސް ހައްޔަރު ކުރިއެވެ. އޭނާ އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ އެ މައްސަލައިގައި އެއް އަހަރަށް ޖަލަށްލި ހުކުމް ތަންފީޒުކޮށް ނިމުމުން މިނިވަންވެފައި ހުއްޓައެވެ.