ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ މި ގައުމަށް އިޚްލާސްތެރި ތެދުވެރި ވަފާތެރިއެއްކަން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ދައްކުވައިދީފައިވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާވެއްޖެއެވެ.

ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހީންނަކީ މުޖުތަމައުއަށް ލޯ ހުޅުވި ގައުމާ ދޭތެރޭ ވިސްނާ ބައެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، އެމަނިކުފާނު ކޯޓާއި މަޖިލީހަށް އެތައް ފަހަރަކު ގެންގޮސް ދޮގު އިލްޒާމު އެޅުވިޔަސް، އެމަނިކުފާނަކީ ގައުމަށް އިޚްލާސްތެރި ތެދުވެރި ވަފާތެރިއެއްކަން 2023 ވަނަ އަހަރު ރައްޔިތުން ދައްކައިދީފި ކަމަށެވެ.

"އެމަނިކުފާނު ވަޒީރު ކަމުން ވަކިވެވަޑައިގެން މާލޭގެ ސިޓީ މޭޔަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެން އެމްޑީޕީގެ ލޮލުގައި އެމަނިކުފާނު ވަނީ އަޅައިގަނެފައި. އެމަނިކުފާނު ކޯޓަށް އެތައް ފަހަރަކު ގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް އެތައް ފަހަރަކު ހާޒިރުކުރެއްވި. އެމަނިކުފާނު ބޮލުގައި ނުކުރައްވާ އެތައް ދޮގު އިލްޒާމުތަކެއް އެޅުއްވި. އެހެންނަމަވެސް އެބޭފުޅުންގެ ޝަރީއަތްތަކުންނާއި އެބޭފުޅުން ހިންގި ތަހުޤީގުތަކުން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ ގައުމަށް އިޚްލާސްތެރި ތެދުވެރި ވަފާތެރިއެއްކަން 2023 ވަނަ އަހަރު ދިވެހި ލޮބުވެތި ރައްޔިތުން އެވަނީ ދައްކައިދީފައި." ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ރައީސްގެ މައްޗަށް އެތައް ތުހުމަތްތަކެއް ހިންގިއިރު ވެސް އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ހެއްކެއް ނުދެއްކުނު ކަމަށާއި އެމަނިކުފާނުގެ ތެދުވެރިކަން އެ ތަހުޤީގުތަކުން ރައްޔިތުންނަށް ހާމަވެގެން ދިޔަ ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޮލުގައި އަޅުވަމުންދާ ބަދުނާމްތަކާއި ދޭތެރޭ އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތް އޮތީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ޤާނޫނާއި ޤަވައިދަށް އަމަލުކުރަމުން ދިޔައީ ޒިންމާދާރު ސަރުކާރަކުން އަމަލުކުރާނެ ގޮތަކަށް ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ.

"ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ވަނީ އެކަތިގަނޑަކަށްވެފައި، އެ ދެބައިމީހުން ނިދީ އެދުވަސްވަރު އެއް ގެއެއްގައި." ފަލާހު ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ދަރަނިތަކަށް މިއަދު ބަލާލުމުން ފެނިގެން ދިޔައީ ލޯނުތައް ނެގުމުގައި ހައްދުފަހަނައަޅައި ގޮސް ސަރުކާރުގެ ސްކޫލްތަކަށް ދާންދެން މޯގޭޖްކޮށްފައި ހުރި ކަމަށް ފަލާހު ވިދާޅުވިއެވެ.

2018 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެމްޑީޕީން ވެރިކަން ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ސާފު އަޢުލަބިއްޔަތެއް ލިބިގެން ކަމަށާއި ނަމަވެސް އަޢުލަބިއްޔަތުގެ ބޭނުން ނަހަމަގޮތުގައި އެމްޑީޕީ ސަރުކާރުން ބޭނުން ކުރި ކަމަށް ފަލާހު ވިދާޅުވިއެވެ.

"ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ކުރެއްވީ ރައްޔިތުންގެ ލޮލުގައި ވަރަށް ރީތި ކަޅު އަނދުނެއް އަޅުއްވަމުން. އެޖެންޑާ 19 ގެ ފޮނި އުއްމީދުތަކެއް، ފޮނި މެސެޖުތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން. އެޖެންޑާ 19 ވެގެންދިޔައީ މި ޤައުމަށް ދުވަހަކު ވެސް ކުރިމަތި ނުކުރާނޭ ފަދަ ބޮޑެތި ގޮންޖެހުންތަކަކާއި އިޤްތިސާދީ ގޮތުން ބޮޑު އަދަވަޅަކަށް ވައްޓާލި އެޖެންޑާ 19 އަކަށް." ފަލާހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤާނޫނުތަކާއި ޤަވައިދުތަކަށް އެމްޑީޕީން ގެނައި ބަދަލުތަކާއި އިސްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް އިޤްތިސާދީ ޒަހަރަކަށް ކަމަށާއި ރައްޔިތުން ބޮޑު އަދަވަޅަކަށް ވައްޓާލާ އެޖެންޑާ 19 އިން ރައްޔިތުންގެ ލޮލުގައި ރީތި އަދުނެއް އެޅުވިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސެއިން ޝާމް

    ފަލާހު މިސްކިތަށް ވަޑައިގެން ބަޤަރާ ސޫރަތް ކިޔަވަންދޭ. ސަނާ ކިޔުމަކީ މާކުރީ ޒަމާނުގަ މިހުން ކުރަމުން އައި ކަމެއް .މަނިކުފާނަކީ ޒުވާނެއް ތިބާވަތުގެ ކަންތައް ނުކުރޭ.މިހާރުން މިހާރަށް ހުއްޓާލާ. ޢިދިކޮލު މީހުން ސަނާކިޔައިފިއްޔާ މަނިކުފާނު ހުންނާތި މަރުޙަބާ ކިޔަން.

  2. މުޙައްމަދު

    ތެދުވެރިވީނަމަ މިސަރުކާރު ގެންނަން ބުރަ މަސައްކަތްތަކެއް ކުރި ނިކަމެތީން ބާކީ ކޮށެއް ނުލީސް، އަޅުގަނޑުމެން އާދޭސްކޮށްކޮށް ތިއްބާ، ވަޒީފާތަކަށް ގެންނަނީ އިދިކޮޅު މީހުން، މިކަމުން ދޭހަވަނީ އަމިއްލަ ނަފްސަށްވެސް ތެދުވެރި ނުވުން