ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީއެންސީގެ ޖަގަހަ މިރޭ ހުޅުވައިފިއެވެ.

މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި އެ ޖަގަހަ ހުޅުވައިދެއްވެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ ޖަގަހަ ހުޅުވީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ކުރީގެ ޑިމޮކްރެޓްސް ޖަގަހަ ހިންގި އޮފީހުގައެވެ. ޑިމޮކްރެޓްސްގެ ކުރިން އެތަނުގައި ޖަގަހަ ހިންގީ އިދިކޮޅު އެމްޑީޕީންނެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުން -- ވަގުތު ފޮޓޯ: އާދިން މޫސާ ލަތީފް

ޖަގަހަ ހުޅުވުމަށް ކުރިއަށްދާ ރަސްމިއްޔާތުގައި ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވި އިރު ސަލާމް ކުރެއްވުމަށް ހަދާފައިވާ ކިއު ޖަގަހައިން ފެށިގެން ކިންގް ސަލްމާން މިސްކިތާއި ހަމައަށް ފޯރައެވެ. ރައީސް ޖަގަހާއި ހަމައަށް ވަޑައިގެންނެވީ އެ ހުރިހާ ފަރާތްތަކާއި ސަލާމަތް ކުރެއްވުމަށް ފަހުގައެވެ. ސަލާމް ކުރެއްވުމަށް ވިއްސަކަށް މިނެޓް ހޭދަވިއެވެ.

ކުލަގަދަކޮށް ކުރިއަށްގެންދާ އެ ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންގެ އިތުރުން ސިޔާސީ އިސް ސަފުގައި ފާހަގަކޮށްލެވޭ އެހެން ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް ފެނިގެންގޮސްފައިވެއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުން -- ވަގުތު ފޮޓޯ: އާދިން މޫސާ ލަތީފް

އޭގެ އިތުރުން ރައީސްގެ އަރިހުގައި ހާއްސަ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވެސް ހުންނެވީ ރަސްމިއްޔާތަށް ވަޑައިގެންނެވެ. އަދި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ކުރީގެ މަޖިލިސް މެންބަރުން ވެސް މިރޭގެ ހަފްލާގައި ބައިވެރިވެވަޑައިގަންނަވައެވެ.