މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީ ކުރަން ނިންމާފައިވާ ރަސްމާލެ މަޝްރޫއު އަންނަ މަހު އަލުން ހިއްކަން ފަށައި، ބޯހިޔާވެހިކަމުގެ މަޝްރޫތައް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ގެންދަނީ ބާރު ސްޕީޑްގައި ކުރަމުން ކަމަށެވެ. އިރާދަކުރެއްވިޔާ މި އަހަރުގެ ތެރޭގައި މިހާރު މަޑުޖެހިފައި އޮތް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަންނަ މަހުގެ ތެރޭގައި އަމަލީ ގޮތުން އަކެއްކާ ރީ ސްޓާޓް ވާނެ. ރީ ސްޓާޓްވެ އަލުން ފެށޭނެ. ފެށި މި އަހަރުގެ ޑިސެމްބަރު މަސް ނިމެންވާއިރަށް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ފުރަތަމަވެސް ޕްލޭން ކުރި ގޮތަށް އެތަނުގައި 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމުން. އިރާދަކުރެއްވިއްޔާ އެކަން ހާސިލް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ޕީއެންސީ ހަރުގެ ހުޅުވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު --ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

ރައީސް ވިދާޅުވީ، ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅާ މާލެ ސަރަހައްދުގައި ހިއްކަން ޖެހޭ ހުރިހާ ތަންތަނެއް ނިންމައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށް ހިއްކުމަށް ވައުދުވެފައިވާ ބިންތައް ހިންގުމުގެ މަސައްކަތް ހިނގާނެ ކަމަށެވެ.

އެކަންކަން ކުރިއަށް ގެންދަނީ އިގްތިސޯދީ އެޖެންޑާގެ ތެރެއިން ޖާގަ ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ ވައުދަކީ މި ސަރުކާރުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށާއި އެކަން ވައުދުވީ ގޮތަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ. އިރާދަކުރެއްވިޔާ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކު ގެދޮރު ވެރިކަމުގެ ފުރުސަތު ނުލިބި ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެންސީ ހަރުގެ ހުޅުވުން--ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

"އެއީ ގެ އަޅާފައި ތަޅުދަނޑި ހަވާލުކުރާ މަޝްރޫތަކުގެ ތެރެއިން ގެދޮރު ލިބޭ މީހުންނާ. ގެދޮރު އެކިއެކި މަޝްރޫތަކުން އަޅާފަ އެއަށް މަގުފަހިކޮށްދީފައި ތިބި ރައްޔިތުންނަށް އެ ފުރުސަތު ލިބިގެންދާ ދިއުމާއި. އެކި ކަހަލަ ލޯން ސްކީމްތަށް ފަސް އިންސައްތައަށްވުރެ ބޮޑު ނުވާނެ އިންޓްރަސްޓް ރޭޓެއްގައި ދޫކުރާނެ. އެކަމުގެ މަސައްކަތް ވެސް އެބަ ހިނގާ. އެ ލޯން ސްކީމްތަކުން ހުޅުވާލެވޭ ފުރުސަތުތަކުން ދެވޭ ގެދޮރުވެރިކަމުގެ ފުރުސަތާއި. އާބާދީ އެއް ފަސް ކުރެވިގެން ކުދި ކުދި ރަށްތަކުގައި ދިރިއުޅެގެން ދެމެހެއްޓެނެވި ތަރައްގީއެއް ހާސިލްނުކުރެވޭނެތީ އަމިއްލަ އިސްނެގުމުގެ މަތިން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތަކުގެ ތެރޭގައި ބައިވެރިވެ އެއް ފަސް ވާން ބޭނުންވާ ރައްޔިތުންނަށް އަޅައިދޭ ގެދޮރު އަޅައިދިނުން. މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ބޯހިޔާވެހިކަމުގެ އިތުރު މަސައްކަތްތައް ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސްކީލްގެ ތެރެއިން ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރައްވާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހާސް ހެކްޓަރުގެ ފަޅު ހިއްކައި ތަރައްޤީކުރަން ލާރި އޮވޭ. މަސްވެރިން ކުރާ މަސައްކަތުގެ ލާރި ދޭކަށް ލާރިއެއް ނުހުރޭ. ޢަޖީބް

  2. Anonymous

    ޕޯޑިއަމެއް ފެންނައިރަށް ހީވަނީކަންނޭނގެ މިއުޅެނީ ވޯޓުލާންށޭ. ވައުދުވާވަރުން ބޯހަލާކު. ފުރަތަމަ މަސްވެރިން ހަމައަކަށް އަޅުވާފަ ފްލެޓްތައް ހަމައަކަށް އަޅުވާފަ ދެން އިތުރު ކަމަކާއިއުޅުން ބުއްދިވެރި.

  3. އިސްޢާފް ސަލީމް

    ޗެނަލް 13 ގެ ބާޣީން ހޮޑުލައްވާލަންވާނެ މިފަހަރު އިންޝާއަﷲ

  4. އާދަނު

    ސާބަސް ޑޮކްޓަރ މުޢިއްޒް