މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަނޭޅުނު ސަބަބު އެމްޑީޕީން ހާމަކޮށްފިއެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ޕީޖީގެ ފަރާތުން މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ނުގެންދެވުނީ، އެ މައްސަލަ ހުށަހެޅި މެމްބަރުގެ ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ހޮސްޕިޓަލަށް ދާންޖެހުމާއި ގުޅިގެން ކަމަށެވެ.

އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއެވެ.

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މަސްވެރިންނަށް ފައިސާ ނުދިނުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ، ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ ހުއްޓެވެ. ސަރުކާރުން ބުނީ މި ސަރުކާރަށް ހަތް މަސް ވީއިރު 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ބާކީ ނުދެވި ހުރީ އެންމެ މަހަކަށްވާ ފައިސާ ކަމަށާއި އެއީ 50 މިލިއަން ރުފިޔާ ކަމަށެވެ.

އެހެން ކަމުން އެ ފައިސާ ވީއެންމެ އަވަހަކަށް ދޫކުރުމާ ގުޅޭ ގޮތުން އެ މިނިސްޓްރީ އާއި މިފްކޯ އަދި ފިނޭންސް މިނިސްޓްރީން މަޝްވަރާތައް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސްވެރިންނާ ގުޅޭ ކުއްލި މައްސަލަ ފޮނުވި މެމްބަރެއް ނެތް، މައްސަލަ ކުރިއަށް ނުދިޔަ!

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާގޫތު

    ބަލިވީކީ ނޫން. ހޭބަލިވީ. ތި މައްސަލަ ކުރިއަށް ގެންދިޔަނަމަ މުޅި ރާއްޖެ ކުރިމަތީ އެމްޑީޕީގެ ސޯޓު ބޭލޭނެކަން އެނގޭތީ ފިލީ

    9
    1
  2. އަހުމަދު މުހައްމަދު

    ކަލޭމެންގެ ހުރި ހަޔާތް ކުޑަކަމާ އެވެ. ކަލޭމެންގެ ސަރުކާރުގަ އެތައް ބިލިޔަނެއް ޗާޕް ކުރި އިރު މަސްވެރިންގެ ފައިސާ ނުދީ މިއަދު އެވަަހަކަ ގޮވީމަ ކާކުތޯ ބަލައި ގަންނާނީ

    9
    1