ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އެދިއްޖެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އެހެންވެ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެެކުނުން ގަޑިއަކު 5 މެލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މެޓު އޮފީހުން ވިދާޅުވާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެއެވެ. ނަމަވެސް ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓަށް އުފުލޭނެ ކަމަށާއި އުތުރާއިި މެދުރާއްޖެތެރޭގެ ކަނޑުތައް 5 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓުން ލަފާކުރިއެވެ.