މިދިޔަ ހުކުރު ވިލޭރޭ މާލޭގެ އީދު މިސްކިތުން ފަންކާއެއް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އެ ކޯޓުން އަމުރު ކުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އީދު މިސްކިތުން ފަންކާއެއް ވަގަށް ގެންދިޔަ މީހާ ފެންނަ ސީސީޓީވީ ފޫޓޭޖްގެ މަންޒަރުތައް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯއިން އޭނާ މިސްކިތް ތެރޭގައި ހަަރަކާތްތެރިވާ މަންޒަރު ފެނިގެން ދެއެވެ. ދެވަނަ ފޮޓޯއިން އޭނާ ފަންކާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނައިރު، ތިންވަނަ ފޮޓޯއިން ފެންނަނީ އޭނާ ބޭރަށް ނުކުންނަ ތަނެވެ. އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުރީ ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެންނާއި ތޮތްޕަކާއި މާސްކެއް އަޅައިގެންނެވެ.

މާލޭގެ އީދު މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ މީގެކުރިން ވެސް ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ އެކިފަހަރު މަތިން ފުލުހުންނަށް ވެސް ހުށަހަޅާފައިވާއިރު، ފުލުހުން ވަނީ ބައެއް ތަކެތި ހޯދާފައެވެ.

ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ކުރިން ވިދާޅުވީ މި އަހަރު މިހާތަނަށް މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް 21 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަތަކަށް ނިސްބަތްވާ ހަ ފަންކާ އާއި ދެ ފޯނުގެ އިތުރުން ފެންމޯޓަރެއް ހޯދާ ހަވާލުކުރެވިފައިވާ ކަަމަށް ޝިފާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ވަގުފުރޭތައިގެ ސާފު ފޮޓޯގަނޑެއް ނަމަވެސް ޖަހާލިނަމަތާ ދެންތިބި ބަޔަކަށް ވެސް ތިއެއްޗަކުން ސަލާމަތްވާން ވެސް އެނގޭނީ.

  2. ވަގު

    ތީން މީހެއްގެ އަތް ބުރިކޮށްލަބަލަ ދެވަނަ ފަހަރަށް އެއްޗެއް ވަގަށް ނަގަން ކެރޭތޯ...

  3. ފަޒީލް

    ހަތަރެސްފައި ބުރިކޮށްލާ

    6
    1
  4. އަބްދޫ

    މިސްކިތުގެ ހުރުމަތްކަނޑާ މިސްކިތުން ވައްކަންކުރާ މީހުންގެ އަތްކަނޑަން ގޮވާލަން.