މިޔަރު މަސްވެރިކަމަށް ހުޅުވާލުމަށް ކުޅުދުއްފުށި ސިޓީ ރައްޔިތުން އެދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.

ދާއޫދު މިހެން ވިދާޅުވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ އެ ސިޓީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދާއޫދު ވިދާޅުވީ 2000 ކުރީގައި ކުޅުދުއްފުށީގެ 70 ޕަސަންޓު ރައްޔިތުންނަކީ މިޔަރު މަސްވެރިކަމުން އާމްދަނީ ހޯދަމުން އައި ބައެއްކަމަށެވެ. އެހެން ކަމުން މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެދެމުން އަންނަ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދާއޫދު ވަނީ ކުޅުދުއްފުށީގައި ބެހެއްޓުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ އައިސްޕްލާންޓް ބެހެއްޓުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ސާފުކުރައްވާފައެވެ. ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވުމަށްވެސް އެދިވަޑައިގަތެވެ. މީގެ އިތުރުން ނާގޮށި ބޮއި ކަނޑައިގެން ގޮސްފައިވާތީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް އެ ތަނުގައި އައު ކަނދުފައްޗެއް ގާއިމްކޮށްދޭންވެސް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދު ވަނީ ކުޅުދުއްފުށި ސިޓީގައި މަސް ރައްކާކުރުމުގެ ފެސިލިޓީއެއް ގާއިމް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އެ ސަރަހައްދުގެ މަސްވެރިންނަށް މަސްކިރުމުގެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގައި ވުޒާރާއިން އެހީތެރިކަށް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަހުމަދު ޝިޔާމްވަނީ ކުޅުދުއްފުށި ސިޓީއަށް މިނިސްޓްރީން ކޮށްދެމުން އަންނަ ކަންކަމާއި ކޮށްދޭން ރާވާފައިވާ ކަންކަމުގެ ތަފްސީލް ދެއްވައިފައެވެ. އެގޮތުން އައިސް ޕްލާންޓުގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކުން މިހާރުވެސް ވަދު ކަނދުފަތި އަޅައިދިނުމަށް އެދިފައިވާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ އެންމެ އަވަހަށް ވުޒާރާއިން ކަނދުފަތިތައް އަޅައިދިނުމަށް އުތުރަށް ކުރާ ދަތުރުގެ ތެރެއިން ކުޅުދުއްފުށީގެ ޒުވާނުން ބޭނުންވާ ސަރަހައްދެއްގައި ވަދު ކަނދުފައްޗެއް އަޅައިދެއްވާނެކަމަށެވެ.

މީގެ އިތުރުން ވުޒާރާގެ މައިގަނޑު ވިސްނުމަކީ ދެމެހެއްޓެނި ގޮތެއްގައި ކުރެވޭ ތަފާތު މަސްވެރިކަމަށް ހުޅުވާލުން ކަމަށާއި އެގޮތުން މިޔަރުގެ މަސްވެރިކަމާ ގުޅޭ ގޮތުންވެސް ދިރާސާއެއް ކުރަމުން ގެންދާކަމަށާއި އަދި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސްޓޯރޭޖާއި ޕްރޮސެސިން ކެޕޭސިޓީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ބޮޑުކޮށް ގަނޑުކުރި މަހުގެ ގޮތުގައި ކަޅުބިލަމަސް ބޭރު ކުރުން ހުއްޓައިލުމަށް މަސައްކަތް ކުރުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ގަނޑުކުރި ކަނޑުމަސް ބޭރުކުރުން ނިމުކަމަށް ގެނައުމުން މަސްވެރިންނަށާއި މަސްވެރި ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

މަސްވެރި ސިނާއަތުން ސަރުކާރުގެ ދައުރު ކުޑަކޮށް އަމިއްލަ ވިޔަފާރިތައް ތަރައްގީކޮށް ބޭރުގެ އިންވެސްޓަރުން މަސްވެރި ސިނާއަތަށް އިންވެސްޓްކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީވެސް އަމާޒެއް ކަމަށްވެސް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.