ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިިޔާވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައިކަން އެނގިއްޖެއެވެ.

އޭނާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ހާލު ކުއްލިއަކަށް ސީރިއަސްވެގެން އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮންމެ އަހަރަކު ވެސް ސައުދީ އެމްބަސީގެ ފަރާތުން ވަކި އަދަދަކަށް މީހުން ހައްޖަށް ފޮނުވާ އިރު، މިފަހަރު އެމީހުންގެ ތެރޭގައި ބަކާ ވެސް ހިމެނުނެވެ.

އައްޑޫ ސިޓީ، ހިތަދޫ އަށް އުފަން ބަކާގެ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެންނެވެ. އަދި ނޭވާލުމަށް ވެސް ދަތިވެފައިވާ ކަމަށް ކުރިން ވާހަކަ ދެއްކި މީހާ ކިޔައި ދިނެވެ.

އޭޑީކޭ ހޮސްޕިޓަލްގައި އޭނާއަށް ފަރުވާ ދޭން ފަށާފައި ވަނީ ވެސް ރޭގެ ވަގުތެއްގައެވެ.

އޭނާ މިއަދު ނިޔާވީ މެނިންޖައިޓިސް ބަލީގައި ކަން "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ.

މެނިންޖައިޓިސް އަކީ ސިކުނޑީގެ ބޭރުގައިވާ ފަށަލަތައްދުޅަވާ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަކީ ވައިރަސް އަކުން ނުވަތަ ބެކްޓީރިއާއަކުން ނުަވަތަ ޕެރެސައިޓް އަކުން ޖެހޭ ބައްޔެކެވެ.

އާންމުކޮށް މި ބަލީގައި ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި, ބޮލުގައި ރިހުމާއ, މޭ ނުބައި ކުރުމާއި ހޮޑު ލެވުމާއި, އަލިވުމުން އުނދަގޫވުން ހިމެނެއެވެ . އަދި އޭގެ އިތުރުން ގިނަ މީހުންގެ ސިކުނޑީގެ ހާލަތަށް އެކި މިންވަރަށް އަސަރުކުރެއެވެ. އެގޮތުން ބައެއް މީހުން ވަރުބަލިވާއިރު, ބަލީގައި ބޮޑުވަރުވާ މީހުންނަށް ފިޓް ޖެހުމާއި, ކޯމާއަށް ދިއުމާއި, މަރުވުމުގެ ފުރުސަތުވެސް އޮވެއެވެ.

ކުޑަކުދިންނަށް މި ބަލި ޖެހިއްޖެނަމަ ފެންނަ އަލާމާތްތައް މަދުވެފައި ފާހަގަ ކުރަން އުނދަގޫ ވެދާނެއެވެ. ކުޑަކުދިންގެ ފަރާތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަ ހުންއައުމާއި، މާ ގިނައިން ރުއިމާއި، ކެއުމާއި ބުއިމަށް ދެކޮޅު ހެދުމާއި، ހޮޑުލުމާއި، ނިދުމުގެ އާދަތަކަށް ބަދަލު އައުމާއި، ފިޓް ޖެހުން ހިމެނެއެވެ.

މި ބަލި ބައެއްފަހަރު ސިކުނޑީގެ އެތެރެއަށާއި ލެއަށްވެސް ފެތުރުމުގެ ފުރުސަތު އޮވެއެވެ. އަދި އޭގެ އިތުރުން މި ބަލި ޖެހެނީ މެނިންގޯކޮއްކަސް ކިޔާ ބެކްޓީރިއާ އަކުންނަމަ ގައިގައި ރޭޝް އެއްވެސް ނަގައެވެ.

މެނިންގޯކޮއްކަސް އިން ޖެހޭ މެނިންޖައިޓިސް އަކީ ފަސޭހައިން މުޖުތަމައަށް ފެތުރުމުގެ ފުރުސަތު އޮންނަ ބައްޔެއް ކަމުން ގާތުން އެއްތާވި މީހުންނަށް ވެސް ރައްކާތެރިވުމުގެ ގޮތުން ބޭސް ދޭން ޖެހެއެވެ. މި ބަލި ފެތުރެނީ ކުޅުގެ ޒަރީއާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިހާލު

    ހައްޖުގެ އަޅުކަން އަޑކޮއްފަ އައުމައްފަހު މަދުވެގެން 1 ހަފްތާ ކަރަންޓީން ވާންޖެހޭ އެއީ އާއިލާ އާއި އެހެންމީހުންގެ ސަލާމަތައްޓަކާ

    75
    3
    • Anonymous

      ބަކާ ހައްޖައްދިޔައީ ވެކްސިން ފުރިހަމަ ކޮއްގެންތޯ؟

      2
      1
  2. ނަސީރު

    މިބަލި މޮހާރު ރާއްޖޭގައި ފެތުރިފައި ވުން ވަރައް ގާތް ވީމާ ސަރުކާރުގެ މުއައްސަސާތަކުންނާއި އާމުން ވަރައް ރަނގަޅައް މިބައްޔާ ދޭތެރޭ ވިސްނާ ރައްކާތެރުވުން ވަރައްވެސް މުހިންމުއެވެ.

  3. ނަސީރު

    އަހަރެންނައް ގަބޫލުކުރެވޭގޮތުގައި މިހާތަނައް ފެނުނު އެންމެ ނުރައްކާތެރި ބައްޔަކީ މިބަލި. ސަބަބަކީ 24 ގަޑިއިރުތެރޭ މީހާ ނިޔާވުންވެސް ވަރައް ގާތްކަމައް ޑޮކްޓަރުން ބުނާތީވެ.