ރަށްތަކުގެ މަގު ބައްތި ތަކުގައި ފެނަކައިން ދޭ ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރު ކުރަން ކައުންސިލް ތަކަށް އަންގައިފިއެވެ.

ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވިދާޅުވީ، އެ ކުންފުނީގެ ކަރަންޓްގެ ޚިދުމަތް ދެވިފައިވާ ރަށްތަކުގެ މަގު ބައްތި ތަކުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގުބައްތިތައް އިންސްޕެކްޓް ކުރެވިފައިވާ ކަމަށެވެ. އަދި މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެެވެ.

މިއާއެކު މިގޮތަށް ކަރަންޓް ދޫކުރެވިފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމަކަށް ވަތީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ކުންފުނިން ކަރަންޓްގެ ޚިދުމަތް ދެވޭ މަގުބައްތިތަކަށް، ކަރަންޓް ދޫކުރެވޭނީ މިކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑު ތަކަށް ފެތޭގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކުރެވިފައިވާ ނަމަ ކަމަށް އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ކައުންސިލްތަކަށް މި މަހުގެ ނުވަ ވަނަ ދުވަހު އަންގާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން ސަބް ޑިބީ ހަރުނުކުރެވި ހުރި މަގުބައްތިތައް މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިނާއި އަދި މި މަސައްކަތުގެ މުހިންމު ކަމުން މި މުއްދަތު މިހާރު އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން އެ ކުންފުނިން ނިންމާފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"މި މުއްދަތުގެ ތެރޭގައި، ކައުންސިލްތަކުން، ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑީބީތައް އިންސްޓޯލް ކޮށްދޭނެކަމަށާއި ނުވަތަ، ފެނަކައިން ތަކެތި ފޯރުކޮށް، ބިލް ކުރެވޭގޮތަށް މިކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއި އެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދެވިދާނެ ކަމުގައި ވެސް ވަނީ ދަންނަވާފައި،" އެ ކުންފުނިން ވިދާޅުވިއެވެ.

މިއީ ޔޫއާރުއޭގެ މިންގަނޑަށް މަގު ބައްތިތަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓް ޖުލައި މަހުގެ ނިޔަލަށް ކަނޑާލެވޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.

"މި ކަންތައްތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗުތަކުން ގާތުން މޮނިޓަރ ކުރަމުން ދާނެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    މިއީ ވިއްސާރަ މޫސުން. ތީއިތުރު މުއްދަތު ދޭންޖެހޭ ކަމެއްނޫން. މަގުބައްތި ދަނޑިން ފެންގަނޑަށް ކަރަންޓް އައިސް އަނެއްކާ އަނެއްމަރު އައުން ލަހެއްނުވާނެ. ވީމާ އިތުރު މުއްދަތެއް ނުދީ ކަނޑާލާ. ފުރާނައެއް ގެއްލި ދާނެ ގޮތަށް އެންމެ ގަޑި އިރަކަށްވެސް ކަންކަން ބަހައްޓައިގެން ނުވާނެ. ބައްތި ނުދިއްލެއްޏާ އެބަޔަކު އަނދިރީގައި އުޅެފާނެ.