ދިވެހި ރާއްޖޭގެ ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމާ ގުޅިގެން ދިވެހިންނަށް ލިބިގެން ދިޔައީ ބޮޑު ހިތާމައެކެވެ. އެތައް ބަޔަކު މީސް މީޑިއާގައި ބަކާގެ ވާހަކަތައް ދަނީ ހިއްސާ ކުރަމުންނެވެ. ބަކާ އާއެކު ހޭދަވި އެންމެ ފަހު ވަގުތުކޮޅާއި ބަކާ އެންމެ ފަހުން ކުރި މެސެޖްތަކާއި އަދި ބަކާއާ ބައްދަލުވި ގޮތުގެ ވާހަކައެެވެ.

ބަކާ ނިޔާވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރެވެ. ބަކާ އެ ހޮސަޕިޓަލްގައި އެނދުމަތި ކުރީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ވަރަށް ގަދަ ހުން އައިސް ވަރު ދެރަވެ، ހާލު ސީރިއަސްވެގެންނެވެ.

ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮންމެ އަހަރަކު ވެސް ސައުދީ އެމްބަސީގެ ފަރާތުން ވަކި އަދަދަކަށް މީހުން ހައްޖަށް ފޮނުވާ އިރު، މިފަހަރު އެމީހުންގެ ތެރޭގައި ބަކާ ވެސް ހިމެނުނެވެ.

ބަކާ ނިިޔާވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ބަލީގައެވެ.

ބަކާ ނިޔާވުމާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާންވެސް ވަނީ ބަކާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި އޭނާ ދެއްކި ބައެއް ވާހަކަަތައް ހިއްސާ ކުރައްވައިފައެވެ. އެއީ ހައްޖު ދަތުރުގެ ތެެރެއިން ޝައްމާންއާ އެކުގައި ބަކާ ނަންގަވާފައިވާ ފޮޓޯއެކެެވެ.

ޝައްމާން ސިފަ ކުރެއްވި ގޮތުގައި ބަަކާއަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ހޯލްޑިން މިޑްފީލްޑަރެވެ. އަދި ބަކާ އަކީ ރާއްޖެއަށް ރަން މެޑަލް ހޯދައި ދިން ހީރޯއެއް ކަމަށް ވިދާޅުވިއެވެ. އެއީ އެތަކެއް ޒުވާނުންނާއި ކުޑަ ކުދިން ގެ ރޯލް މޮޑެލެއް ކަން ފާހަގަ ކުރައްވައި ޝައްމާން ވިދާޅުވީ ބަކާއަކީ ސަކަ މިޒާޖެއްގެ ވެރިއެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ބަކާއާ އެކުގައި އުޅެވުނީ 12 ދުވަހެވެ. އެހެން ނަމަވެސް ހީވީ އެކުގައި އުޅެ ބޮޑުވެވުނު އެކުވެރިއެއް ހެންކަމަށް ވިދާޅުވިއެވެ.

"ފަތިސް ނަމާދަށް ވޭކަޕް ކޯލް ދިނުމާއި ގަޑި އަށް މީހުން ހަމަ ކުރުމުގަ ލީޑް ކުރި، އެކުގައި ދިޔަ ގްރޫޕްގެ އެންމެ ދޮށީ ބޭފުޅާގެ ހުރިހާ ކަމެއް ހައްޖުގެ އަޅުކަން ފެށިގެން ނިމެން ދެކަށް ބެެލެއްޓީ އަމިއްލަ ބައްޕަ ފަދައިން. ދޭތެރެ ދޭތެރެއިން އެ ބޭބެ ހާސް ކޮށްލަން ބުނެލާނެ، ބޭބެ މިހާރު ތިމަންނަ ދޫކޮށްލާފައި އެހެން މީހެއް ހޯދީ ދޯ، އެ ބޭބެ އަށް ކިޔަނީ މައިޓް، ބޭބެ ނިދީމަ އެހެން އެންމެންނަށް އަންގާލާނެ، ހީ "މައިޓް" ސްލީޕް ނައު،" ޝައްމާން ހިއްސާ ކުރެއްވި ޕޯސްޓްގައި ވެއެވެ.

ޝައްމާން ވިދާޅުވީ، 12 ދުވަސް ވެގެން ދިޔައީ އެތަކެއް ހަނދާންތަކެއް ދޫކުރެވުނު ދުވަސް ތަކަކަށް ކަމަށެވެ.

"މާލެ އަރާފަ ފެންނަ އިރަށް ދެން އަބަދު ބަކާ ބަކާ ކިޔާފައި ގޮވާނީކީ ނޫން"، ބަކާ ސަކަރާތަށް މިހެން ބުނާ އަޑު އަދިވެސް ކަންފަތުގައި ހަރުލާފައި ހުރިކަމަށް ވިދާޅުވަމުން ޝައްމާންގެ އެ ޕޯސްޓްގައި ވެއެވެ.

ޝައްމާން ވިދާޅުވީ، ބަކާއަކީ ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތް މީހެއް ކަމަށެވެ.

"ވަކިވެގެން ދިޔަ އެކުވެރިޔާއަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން. ވަގުތީ މިދުނިޔެ ދޫކޮށް ތިބާ ތި ދިޔައީ އެންމެ މާތް އަޅުކަން ފުރިހަމަކޮށްފައި..💔💔💔 إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.". ޝައްމާންގެ ޕޯސްޓް ނިންމާލަމުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަބުދުﷲ

    💔 إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

    10
  2. ވިސްނަ

    انالله وانا اليه راجعون
    اللهم اغفرله وارحمه وعافه
    واعف عنه

    13
  3. އަހްމަދު

    نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

    12
  4. ކަނބުލޮ

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.

    11
  5. ހުސެއިްން ޝާމް

    ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ އަޅުގަނޑުމެންގެ ޒުވާނުންނަށް އަދަށްވުރެ ފެހި މާދަމާ އަށް މިންވަރު ކުރައްވައި، އަދި މިޒުވާނުންނަކީ ހެޔޮބަސް އަހާ ،ހެޔޮބަސް ޤަބޫލު ކުރާ ބައެއް ކަމުގައި ﷲސުބްޙާނަހޫ ވަތަޢާލާ ލައްވާށިއެވެ.އާމީން.

    32
  6. ހުސެއިްން ޝާމް

    ﷲ އަކްބަރު، ﷲއަކްބަރު ، ﷲއަކްބަރު ޖިބްރީލުލް އަމީން.

    9
    2
  7. Anonymous

    نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ