ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 60 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ވަނީ 60 މީހުން ޝަހީދުކޮށްލައި އިތުރު 140 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފައެވެ.

މިއާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 37،718 އަށް އަރާފައެވެ. އަދި އެކިވަރުގެ ޒަހަމްތައް ދިން މީހުންގެ އަދަދު ވަނީ 86،377 އަށް އަރާފައި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައެއް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހަމަލާތަކުގައި ޝަހީދުވެފައިވާ ގިނަ މީހުންނަކީ ޣައްޒާގެ އާންމުންކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ހަމަލާތަކުގައި ޣައްޒާގެ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ބައެއް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިރުބަވެރިން ވަނީ ޣައްޒާގެ 10،000 އަށްވުރެ ގިނަ ކުޑަކުދިންނާއި 10،000 އަށްވުރެ ގިނަ އަންހެނުން ޝަހީދުކޮށްލާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ ޣައްޒާގެ އާންމުން އެންމެ ގިނައިން ޖަމާވާ ނުވަތަ ބޯހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދުތައް ކަމެވެ. އެގޮތުން ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ރެފިއުޖީ ކޭމްޕްތައް މި ލިސްޓުގައި ހިމެނެއެވެ.