ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ޒިންމާ އެމްޑީޕީން އަދާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެފަދައިން ވިދާޅުވީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒްގެ އިތުރުން އެމްޑީޕީގެ އެޕާޓީގެ ލީޑަރޝިޕާއި އާންމު މެންބަރުންނަށް އަރިސްކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަތުގައި މަލްޓިޕާޓީ ނިޒާމު ފަނޑުވިޔަނުދީ، އަދި ވާދަވެރި އޮޕޮޒިޝަންގެ ދައުރު ޒިންމާދާރުކަމާއެކު އަދާކުރައްވާނެކަމަށް އުންމީދު ކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުއްވާފައިވެއެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ވިދާޅުވެފައެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ޕާޓީގެ މެންބަރުންނަށް އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު