ލޭ ހަދިޔާ ކުރުމަށް ހިންގި ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯގެ 100 އެއްހާ މުވައްޒަފުން ލޭ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މުވައްޒަފުން ލޭ ހަދިޔާކުރީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމަށް އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ހިންގި ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ.

ޕްރޮގްރާމްގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަނީ ވޮލަންޓިއާކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ މިފަދަ ދާއިރާތަކުން މުޖުތަމައުއަށް ހިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ އެ ޕްރޮގްރާމަށް މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑުތަރުޙީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި ކަމަށެވެ.

މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި މިކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.