މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އައި މީހުންނަށް ހާއްސަ ފްލޫ ކުލިނިކެއް އައިޖީއެމްއެޗުގައި ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި މިކަން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ހައްޖުން އަންނަ މީހުންނަށް ހާއްސަކޮށް އެ ހޮސްޕިޓަލުގައި ކްލިނިކެއް ހުޅުވުނު ކަމަށާއި މި ކްލިނިކުން ކޮންމެ ދުވަހަކު ވެސް ލޭ ނަގައި ޓެސްޓުކޮށް ބަލި މީހުންނަށް ފަރުވާދޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި މި ކްލިނިކް އިންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރ 10 ގައެވެ.

ކޮންމެ އަހަރަކުވެ ސް ހައްޖު މޫސުމުގައި ގިނަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވާތީ ހައްޖުވެރިން ޑޮކްޓަރަށް ދައްކައި ބޭނުންވާ ޓެސްޓުތަކާއި ފަރުވާ ހޯދުމަށް އައިޖީއެމްއެޗުގައި ހުޅުވި މި ކްލިނިކު ކޮންމެ ދުވަހަކު ހެދުނު 8:00 އިން ރޭގަނޑު 8:00 އަށް ޚިދުމަތް ދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައި މީހުންގެ ތެރޭ ހިމެނޭ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑު މުހައްމަދު އާރިފް (ބަކާ) ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ މެނިންގޯކޮކަލް ކިޔާ ނުރައްކާތެރި ބައްޔެއް ޖެހިގެންނެވެ. މި ބައްޔަކީ ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އައިޖީއެމްއެޗުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ހައްޖުން އަންނަ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ.