ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ހއ. ކެލާއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ފާއިތުވި 24 ގަޑިއިރު ވާރޭވެހިފައިވާ ރަށްތައް އާންމުކޮށްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކެލާއަށެވެ. ކެލާއަށް 34.8 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހދ. މަކުނުދޫއަށެވެ. މަކުނުދޫއަށް 12.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، ހދ. ކުޅުދުއްފުއްޓަށް ވަނީ 2.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ށ. ކޮމަންޑޫއަށް 1.9 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، ހުޅުލެއަށް ވެސް ވަނީ 1.9 މިލިމީޓަރުގެ ވާރޭވެހިފައެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތް މެޓުން މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން މެދު ރާއްޖެތެރެއާ އުތުރުގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި، ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 8 މޭލާއި، 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު