މިފްކޯއިން މަސް ގަންނަ އަގު މުރާޖައާ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވަނީ ހާޒިރުކޮށްފައެވެ. އަދި ގައުމުގެ މާލީ ހާލަތާ ގުޅިގެން ސުވާލުކުރުމުން ވަޒީރު ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން މިފްކޯއިން މަސް ގަން އަގު މުރާޖައާ ކުރަން ވަނީ ނިންމައިފައެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އަންނަ މަހު 26 އިން ފެށިގެން މަސް ގަންނަ އަގު މުރާޖައާ ކުރަން ނިންމާފައިވާއިރު ސަރުކާރުން އެ ފިޔަވަޅު އަޅާ ސީދާ ތާރީޙެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

ނާޒިމްގެ ވާހަކައާ ގުޅިގެން ވަޒީރު ވިދާޅުވީ އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާ ތާރީޚަށް ވުރެ މުހިންމީ ނިންމާނެ ތާރީޚުތައްކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ފިޔަވަޅުތަކަކީ ތަފާތު މިނިސްޓްރީތަކާ ވާހަކަދައްކައިގެން ނިންމާ ނިންމުތައް ކަމަށްވާތި އެ މިނިސްޓްރީތަކާއި މަޝްވަރާކުރުމަށްފަހު ތާރީޚު ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ. އަދި އެންމެ އަވަހަށް ބާއްވާ އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުމުގައި މަސް ގަންނަ އަގު މުރާޖައާ ކުރަން މަޝްވަރާ ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން މަސްވެރިން އަތުން މަސްގަތުމަށް ފަހު ދޭން ޖެހި، ނުދީ ހުރި ފައިސާތައް މި ސަރުކާރުން ދީ ޚަލާސްކޮށްފައިވީ ނަމަވެސް މި ފަހުން ބޭނި މަހަށް ފައިސާ ނުލިބިގެން މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެގޮތުން އައްޑޫ އާއި ދ. ކުޑަހުވަދޫގައި ވެސް މި ހަފުތާގައި މަސްވެރިން މުޒާހަރާ ކުރިއެވެ. އޭގެ ކުރިން ކޫއްޑޫގައިއާއި މާލޭ ސަރަހައްދުގައި ވެސް މަސްވެރިން އިހުތިޖާޖުކޮށްފައިވެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލައި މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަކީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި މަސް ކިލޯއެއް ގަނެވެން އޮތީ 12 ރުފިޔާއަށް ނުވަތަ 15 ރުފިޔާއަށް ކަމަށްވާނަމަ އެ ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށް މަސް ކިލޯއަކަށް 25 ރުފިޔާ ޖައްސާފައެވެ. ނަމަވެސް، މިދިޔަ ފެބްރުއަރީ މަހު މި ސަރުކާރުން އެ އަގު 20 އަށް ދަށްކުރަން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙެހެ

    ކީއްވެތަ މަސްވެރިންނަށް ވީމަ ތި އަގާއި ކުޅެނީ ، ދައުލަތުގައި ތިބި ބޭކާރު މަޤާމުތައް މަދުކުރާކަށް ނުވޭތަ !! ބައެއް ތަންތަނުގައި ވަންނާނެ ގޮޅިއެއް ކުރާނެ ކަމެއް ނެތިފަ އެތައް މުވައްޒަފެއް އެބަތިބި !

  2. އަބްދޫ

    މިހާރު މަސްކިލޯއެއް ގަންނަންޖެހޭނި 10 ރުފިޔާ އަށް ސަބްސިޑީ ދީގެންނުވާނެ ކުރިންވެސް ދެމުންއައިގޮތަށް މަސްދޯނިފަހަރަށް ވިއްކާ ޑީސަލްތެލުގެ ސަބްސިޑީ އޯކޭ.

  3. Anonymous

    ހާލުގައި ޖައްސައިފިޔޭ އަދު މަސްވެރިން
    އާހުގާވޭ ހާލުގާ އަދު މަސްވެރިން

  4. ދީދީ

    ސަރުކާރުން ކިތަންމެ ބޮޑު ހަރަދެއްކޮށްގެން ނަމަވެސް ރާއްޖޭގައި އުފައްދަންވީ ބޮޑު ސްކޭލްއެއްގައި މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕެކެޓްގައި މަސް ބަންދުކުރެވޭނެ ފެކްޓަރީއެއް. މިހާރު ރާއްޖޭގައި އެކަންކަން ކުރަނީ ނަމެއްގައި، މިފްކޯ، އެންޒީ، މާންދޫ އަކަށް އެކަމެއްނުވޭ، އެންމެ ކުޑަމިނުން ރާއްޖޭގެ ރިސޯޓްތަކަށް ބޭނުންވާވަރަށްވެސް އެމީހުންނަށް މަސްދަޅު ނުވަތަ ޕެކެޓް ނުއުފެއްދޭ، އެއްހަފްތާގައި ލިބެން ހުރިއްޔާމު އަނެއް ހަފްތާގައި ނުހުންނާނެ. މިހާރުވެސް ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި މިބޭނުންކުރަނީ ތައިލެންޑާއި އިންޑިޔާގައި އުފައްދައިގެން ގެނެސްފައި ހުންނަ މަަސްދަޅުތަށް.
    ރާއްޖޭގައި ބޮޑު ސްކޭލްއެއްގައި މަސް ފެކްޓަރީ އެއް އުފައްދައި ކަނޑުމަސް ދަޅާއި ޕެކެޓް ރާއްޖެއަށް އިމްޕޯޓް ކުރުން ހުއްޓުވިއްޖެއްޔާމު މަސްވެރިކަމުން ރާއްޖެއަށް މިހާރު ލިބޭނަފާ ދެގުނަ ބޮޑުވެގެންދާނެ.
    މިހާރު މިވާގޮތަކީ އެސްޓީއޯއިން ފިނިކުރިމަސް ގަނެގެން ތައިލެންޑަށް ފޮނުވަނީ، އެތަނަށް ދާތަނުން ތިންބައިކޮށްފައި އެއްބައި ކޮލިޓީދަށްވެގެން ރިޖެކްޓްކުރަނީ، އެ ރިޖެކްޓްކުރާ ބަޔަށްވާއެއް ނުވާއެއްނޭގި ގެއްލިގެންދަނީ. މިކަމަކީ މިކަހަލަ ގޮތަކަށް ގޮސްފައި ބޮޑު ކޮރަޕްޝަންގެ ހާއްޔެއް.
    އެހެންވީމައި ރާއްޖޭގައި މަސްޕްރޮސެސްކޮށް އުފެއްދެންޔާމު ތައިލެންޑަށް އަދި އެހެންތަނަކަށް ވެސް ފޮނުވާކަށް ނުޖެހޭނެ. ހުރިހާކަމެއް ރާއްޖޭގައި ކުރެވޭވެ. ވަޒީފާވެސް އިތުރުވީ، މަސްވެރިކަމުގެ އިގްތިސޯދުވެސް ރަނގަޅުވާނެ.
    ދެން ބުނާނެ ގާސިމްގެ ކާރުހާނާއެއް އެބަހުއްޓޭ އެންޒީ އެބަހުއްޓޭ އެމީހުން އޮތީ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައޭ، ދެން ސަރުކާރުން މިކަމުގެ ތެރެއަށް ވަދެގެންފިއްޔާމު އެމީހުންނަށްވާނީ ގެއްލުމޭ. ބަލަ އެމީހުންނަށް ނުވެގެންތާ ސަރުކާރުން ރައްޔިތުންގެ ހަޒާނާއިން މިކަމެއް ކުރަންޖެހެނީ. މިގައުމުގައި މިހެންވެއްޖެ ދެތިން މީހަކާއިހެދި މިގައުމު ނެތިހަފުސްވެގެން މިދަނީ.

  5. ފައިނެތް އާދަނު

    ދެމެހެއްޓެނިވިގޮތެއްގައި މަސްގަނެ ، ފައިސާދެވޭނީ ދައުލަތަށް ކުޅަދާނަވާ އަގެއްގައި މަސްގަނެގެންނެވެ. ބޭރަށް ވިއްކާ މަސްވިއްކަންވީ މަސްކިލޯއެއް ޑޮލަރަކަށް! ގެންދިޔުމުގެ ޚަރަދުއެހާބޮޑު! މަސް ގަންނަންވީ ކިލޯއެއް 20 ށް! ފައިސާދިނުން ލަސްވެލިޔަސް ބުއްދިފިލާފަތިބި ބަޔެއްހެން ސަރުކާރަށް ކުނިހުތުރޮގޮވާ މުދަލަށް ދެނީ ގެއްލުން! އެހެންވީމާ 2 ކިލޯއިންމަތި ކިލޯއަކަށް 15 ރުފިޔާ ، 2 ކިލޯއިން ދަށް ކިލޯއަކަށް 5 ރުފިޔާ! 1 ކީލޯ ހަމަނުވާނަމަ ނުގަންނަންވީ!

  6. މީމު

    އެހެންވީމައޭ ރިޔާސީ އިންތިޚާ ދިމާކޮށް ވައުދުބޮޑި ނުވާންވީ. އެއްވެސް އިރެއްގަ މަސްވެރިންނެއް ނޫން މަހަށް އަގު ކަނޑައަޅަނީ. ތިމަންނައަށް ވެރިކަން ލިބިއްޖެނަމަ މަސް ކިލޯއެއް 20 ރ އަށް ވުރެ ދަށް ނުކުރާނަން. މިހާރު ވެރިކަން ލިބުނީމަ ކީހާޅެންވީ ފަރިއްސަށް