ރާއްޖޭން އަލަށް ފެނުނު ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ވޭދަނަ ރާއްޖެގައި ނުފެތުރޭ ކަމަށް ސިއްހީ ވުޒާރާއިން އިން ވިދާޅިވެއްޖެއެވެ.

މެނިންޖައިޓިސް ރާއްޖޭން ފެނިފައިވަނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެއަށް އައި މީހެއްގެ ގައިންނެވެ. މައްކާއިން އައި ފަހުން ހާލު ދެރަވެގެން އޭޑިކޭ ހޮސްޕިޓަލުގަރި ފަރުވާދެނިކޮށް އެމީހާ ވަނީ ނިޔާވެފައެވެ.

ސިއްހީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ސިއްހީ ހިދުމަތްތެރީންނާއި އާންމު ރައްޔިތުންގެ ގަޔަށް މެނިންގޯކޮކަލް ވެކްސިން ޖަހަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް އުމްރާއާއި ހައްޖުގެ އަޅުކަމަށްދާ މީހުންނާއި މެނިންގޯކޮކަލް ބަލި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން އެ ވެކްސިން ފުރިހަމަކުރަން އެދޭ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، މެނިންޖައިޓިސް ބަލި ޖެހި ގާތުން އެއްތާވި މީހުންގެ ގޮތުގައި މިހާތަަނަށް 46 މީހަކު ފާހަގަވެފައިވާ ކަމަށާއި، އޭގެތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް ޕްރޮސިލެކްސިސް ދެވިފައިވާ ކަމަށެވެ.

މެނިންޖައިޓިސް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެޗްޕީއޭއިން މައުލޫމާތުދެއްވިގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.