ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އައު ފަޔަރ ސްޓޭޝަނެއް މިއަދު ހުޅުވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހާއްސަ ހަފްލާގައި މި އިމާރާތް ހުޅުވައިދެއްވީ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފްއެވެ. މި ހަފްލާގައި އެއާޕޯޓްގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ.

އަލަށް ހުޅުވިގެން މިދިޔަ ސްޓޭޝަން އޮޕަރޭޝަނަށް ގެނެސް ފަޔަރ ސްޓޭޝަނުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ލިބިގެންދާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަޔަރ ސްޓޭޝަން ހުޅުވުން— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެއާޕޯޓުގެ އެމްޑީ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްދަމަދު ވިދާޅުވީ، ވީއައިއޭގެ ފަޔަރ އެންޑް ރެސްކިޔު ޓީމަކީ ވަރަށް ހުނަރުވެރި ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ކަމަށެވެ. އަދި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި މަސައްކަތަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ ރައްޔިތުންްގެ ޚިދުމަތުގައި ކެނޑިނޭޅި ލިބޭނެ ކަމަށެވެ.

"އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްއަކީ ވަރަށް ރަނގަޅު ނަމޫނާ ސާވިސްއެއް. އެބޭފުޅުންގެ ހުނަރާއި ޤާބިލިއްޔަތަށްޓަކައި ފަޚުރުވެރިވާ މުވައްޒަފުންތަކެއް އުޅުއްވާ ތަނެއް." ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަޔަރ ސްޓޭޝަން ހުޅުވުން— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

"އަޅުގަނޑާއި މި މަސައްކަތް ހާވަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވި އިރުޝާދަކީ ރައްޔިތުންނަށް ގައުމަށް ޚިދުމަތްކުރުމަށް ކުރަން ހުރި ކަމެއް އަވަސް ކުރާށޭ." ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަޔަރ ސްޓޭޝަން ހުޅުވުން— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ޝަރީފް ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ އޭނާ ހަވާލުވިއިރު، ކުންފުނި އޮތީ މަޑުޖެހިފައެވެ. އެހެންނަމަވެސް މިހާރު ރައީސް މުއިއްޒުގެ ލަފާ އާއި އިރުޝާދާ އެއްގޮތަށް އަމަލު ކުރަމުން މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމަމުންދާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

"އެމްއޭސީއެލްއާ އަޅުގަނޑު ހަވާލުވިއިރު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ހުރީ މަޑުޖެހިފައި. މަސައްކަތްތައް ކޮންމެވެސް ވަރަކަށް ނިމިފައި އެކަމަކު އެ ނިންމުން ފުރިހަމަކުރަން ނޭގިފައި. އެމްއޭސީއެލްގެ މުވައްޒަފުންވެސް ދާނޭ ޑިރެކްޝަނެއް އެހާ ރަނގަޅަށް ސާފު ނުވާތީ ކުރިޔަށްދާނޭ ގޮތް ނޭގިފައި ތިބުމުގެ އިހުސާސް އަޅުގަނޑަށް ކުރެވުނީ." ޝަރީފް ވިދާޅުވިއެވެ.

ވީއައިއޭއަކީ އެންމެ ފުރަތަމަ އަންހެން ފަޔަރ ފައިޓާސް ހަރަކާތްތެރިވި އެއާޕޯޓްކަން ފާހަގަކުރައްވައި ޝަރީފް ވަނީ އެބޭފުޅުންނަށް ޝުރުކު ދަންނަވައި މަރުހަބާ ކިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެއިން ޝާމް

    ހުސެއިން ވަޑައިގަތީމަ ހުސެއިންގެ ނެތި ނުބައި ވާހަކަ ދައްކާނެ. އެހެންވީމަ ގެކޮޅަށް ވަޑައިގެން ބަޤަރާ ސޫރަތް ކިޔަވާތި.މަނިކުފާންށް މުނާފިޤުން ނޭގޭން. ޢެއީ އަހަރުމްންގެ ރަސޫލާ ޢަށްވެސް ބަދުރުގެ މައިދާނުގެ މުނާފިގުން ފާހަގަވި ކަމަށް މިއުޅޭ ފުޅަކާ ދަންނަ ބޭކަލުން ވިދާޅުވަނީ.. ވަރަސް ވިސްނާތި.ކުރިއަށް އޮތްތަނުގެ މަތި މަތިން ޕްރެޝަރ އަންނާނެ. ޚުރިމަތިލާތި.އިސްތިއުފާ ނުދޭތި.ވަރަށް މަލާމާތް ލިބިގެންވާ ކަމެއް.ސަލާމަތީ މީހުންނަށް ފާރަވެރިވާތި.!