އެސްޓީއޯ އިން ވިއްކަމުން ގެންދާ ހިޓާޗީ ބްރޭންޑުގެ އިތުރު މުދާތަކެއްގައި "ހަކަތަރި" ލޭބަލަށް ބަދަލުކޮށްފިއެވެ.

" ހަކަތަރި" ލޭބަލަކީ ކަރަންޓު އާލަތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭ އަދި އަންގައިދޭ ދިވެހި ލޭބަލެކެވެ.

އެސްޓީއޯ އިން ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަކަތަރި ރޭޓިންގ ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގާދިނުމަށެވެ.

މިއަދު އެސްޓީއޯ އިން ތައާރަފް ކުރީ ހިޓާޗީ ބްރޭންޑުގެ "ހަކަތަރި" ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިންއެވެ.

އެސްޓީއޯއިން ބުނީ ހަކަތަރި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

ހަކަތަރި ޕްރޮގްރާމް އެންމެ ފުރަތަމަ ތައާރަފްކުރީ 2021 ވަނަ އަހަރުއެވެ. މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީވެސް އެސްޓީއޯއެވެ. އެސްޓީއޯއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖްތަމައަށް ފައިދާކުރުވާ ޒަމާނީއާކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންޏެކެވެ.

އެގޮތުން 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއަރކޮންޑިޝަނަރ ތަޢާރަފް ކުރެވުނެވެ. އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެއެވެ. މިކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ނޮވެމްބަރު 2023 ވަނައަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކުރެވިގެންދިޔައެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.