ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތިން މުވައްޒަފަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތަފްސީލް ހާމަ ކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ 18 އޮފިސަރުންގެ ތެރެއިން މިހާތަނަށް ތިން އޮފިސަރުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަން މިހާރު ވަނީ މާފުށީ ޖަލުގައި ފެށިގެން ކުރިޔަށް މިގެންދަނީ. އެގޮތުން އަޅުގަނޑުމެން ބައެއް މުވައްޒަފުން މިހާހިސާބަށް ހައްޔަރުވެސް ކުރެވިފައިވޭ. ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފައިވޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފުލުހުން ހިންގި ތަހުޤީގުން ފާހަގަކުރެވިފައިވާ 18 އޮފިސަރުންގެ ތެރެއިން 6 ފަރާތެއް މިއަހަރު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުންނާއި މެދު ވެސް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.